ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އާ މަޝްރޫއުތަކަށް ޓެންޑަ ހުޅުވައި ނު ލުމަށާއި އާ މަޝްރޫއުތައް ފެށުމަކީ ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމަކަށްވުމުން އެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެސްޓީއޯ އަށް އަންގައިފި އެވެ.
އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ސޮއި ކުރައްވައި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރަށް މިދިޔަ ބުދަ ދުވަހު ފޮނުއްވި ސިޓީ އެއް ގައި ވަނީ، އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުނި ކަމަށްވާ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އޮއިލް ކޮމްޕެނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ ފަދަ މުއާމަލާތްތައް ހިންގާ ނަމަ، އެފަދަ ކަމެއް ނުކުރުމަށެވެ.
އެސްޓީއޯ އަށް އެގޮތަށް އަންގާފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް، ކޮރަޕްޝަނަށް މަގުފަހިވާނެ ހެން އެހެން ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހަދައި ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ ކަމަށް އެ ސީޓިގައި އެނގެން އޮވެއެވެ.
އޭސީސީގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ރިޔާސީ އިންތިޚާބަށް ފަހު ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނިކޮށް، ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދައި ފައިސާގެ މުއާމަލާތްތައް ހިންގަމުން ދިއުމަކީ ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމެއް ކަމަށެވެ.
އެގޮތުން އެފަދަ މުއާމަލާތްތަކުގެ ސަބަބުން އާ ސަރުކާރަށް މާލީ ޒިންމާ އެއް އުފުލަން ޖެހިދާނެ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން މިގޮތަށް އަންގާފައިވާ އިރު ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އާ މަޝްރޫއުތަކަށް ޓެންޑަ ހުޅުވައި ނުލުމަށާއި އާ މަޝްރޫއުތައް ނުފެށުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
އިންތިޚާބީ ރައީސް ސޯލިހް މިހެން އެދިވަޑައިގަތީ އެފަދަ ކަންކަމުގެ ސަބަބުން ދައުލަތުން މާލީ ބުރަ އެއް އުފުލަން ޖެހިދާނެ ފަދަ ސަބަބެއް މެދުވެރި ވެރިދާނެތީއެވެ.