ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ގިނަ ދުވަސްތަކަކަށް ފަހު މުލިއާގެއަށް ވަޑައިގެންފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު މި މަހުގެ 4 ވަނަ ދުވަހު މެޑަމް ފާތުން ސައުދީއަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މެޑަމް މުލިއާގެއަށް ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 2:00 ހާއިރުއެވެ. އަދި މުލިއާގެއިން ނުކުމެވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:00 ހާއިރުއެވެ. އެކަމަނާއާ އެކު އެކަމަނާގެ އަރިސް ބައެއް ބޭފުޅުން ވެސް އެތަނުގައި އުޅުއްވި އިރު ނަމަވެސް ކުރެއްވީ ކޮން މަސައްކަތްތަކެއް ކަމެއް ނޭނގެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މެޑަމް ފާތުންގެ ޓީމުގެ މައި ޖަގައެއްގެ ގޮތުގައި މުލިއާގެ ބޭނުންކޮށްފައިވާ އިރު އިންތިހާބު ނިމުމާ އެކު މުލިއާގެއިން ވަނީ ފޮށިތަކެއްގައި ބަންދުކޮށްފައިވާ ތަކެތި ބަރުކޮށްފައިވާ ދެ ލޮރީއެއްގައި ގެންގޮސް ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ވެހިކަލްތައް މަރާމާތުކުރާ ތަނަށް ވައްދާފައެވެ. އޭގެ ފަހުން އެ ތަނަށް މެޑަމް ފާތުން ވެސް އަދި ފާތުންގެ އަރިހުގައި އުޅުއްވާ މެންބަރުން ވެސް ވަޑައިނުގަންނަވާ ކަމަށް ވެއެވެ.
މުލިއާގެ އިން ގިނަ އަދަދެއްގެ ތަކެތި ނެރެގެން ފޮރުވި ކަމަށް ބުނެ، ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ރައީސްގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައި ވަނީ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ވެރިކަން ހަވާލުކުރެއްވުމުގެ މަރުހަލާގައި މުލިއާގެ އިން ގެންދާ ބައެއް ތަކެއްޗަކީ ރައީސްގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންކުރައްވާ ތަކެތި ކަމަށެވެ. އަދި ޤާނޫނާ ޚިލާފް އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ފަތުރަނީ ދޮގު ޚަބަރު ކަމަށް މުއާޒްވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބު ރައީސް ޔާމީންނަށް ގެއްލިގެން ދިޔައީ ގާތްކުރަން ނުޖެހޭ މީހުން ގާތްކޮށް، ޕްރޮފެޝަނަލް ނޫން ބަޔަކާ ކަންކަން ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުން ކަމަށް، ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަޝްމަލީ ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ކެމްޕޭންގެ ވަރަށް ގިނަ ހަގީގަތްތައް އެނގިވަޑައިގަންނަވާ އަޝްމަލީ ވިދާޅުވި ގޮތުގައި އިންތިޚާބު ނާކާމިޔާބުވެން ދިޔަ މައިގަނޑު ސަބަބަކީ ކެމްޕެއިން އެޖެންޓް އަދުލީ އިސްމާއީލްއެވެ. އެހެން ބޭފުޅެއްގެ ނަން ވިދާޅުވެ، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ޓީމަށް ނިސްބަތް ކުރައްވައި އަޝްމަލީ ވިދާޅުވީ އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ "ވަކި ސާކަލެއްގައި ތިބި ބަޔަކު" ކަމަށެވެ. އެ ބުރުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަކީ، ކައިރި ކުރަން ނުޖެހޭ މީހުން ކަމަށާއި ޕްރޮފެޝަނަލް ނޫން މީހުން ކަމަށް އަޝްމަލީ ވިދާޅުވިއެވެ.
މެޑަމް މުލިއާގެއަށް ވަޑައިގެންފައިވާއިރު އުސޫލުގެ ދަށުން މުލިއާގެއަށް ނުރަސްމީ ގަޑިތަކުގައި ވަންނަ މީހުންނާއި ކުރާ ކަންކަން ނޯޓްކުރަންޖެހެއެވެ.