އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޚް ރައީސްކުމުގެ ހުވާ ކުރެއްވިހާ އަވަހަކަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ފޭސްފަރުވާކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އަދީބަށް ވެސް އިންސާނަކަށް ވީތީ ލިބެންވާ އިންސާނީ ހައްގުތަށް ލިބެން ވާނެ ކަމަށެވެ. އަދި އެއީ ރައީސް އަބްދުﷲ ޔާމީނަށް ނިގުޅައިގަނެވޭނެ ހައްގެއް ނޫން ކަމަށް މުސްތަފާ ވިދާޅުވެފައި ވެއެވެ.
Adeeb ah ves beysfaruvaa kurumuge Haggu libenvaane insaanakah veethee libenvaa insaanee haggu libenvaane!
— Mohamed Musthafa (@Thimarafushi) October 18, 2018
Eii RYameen ah nigulhaa ganeveyne haggeh noon..! @ibusolih gaanoonee huvai kurihaa avahakah Adeeb ah e haggu libibigen dhaane unmeedhu aai eku ufaa kurahva..!
އަދީބު ޖަލަށްލީ ފަހުން ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، ސަރުކާރުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އަދީބުގެ ހަށިގަނޑުގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. ފަރުވާ ހޯދަން އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެތައް ފަހަރެއްގެ މަތިން އެދުނެވެ. އެހެން ނަމަވެސް އެ ފުރުސަތު ލިބިފައެއް ނުވެއެވެ. އަދީބަށް ފަރުވާ ދިނުމަށް ދޭތެރެ ދޭތެރެއިން އައިޖީއެމްއެޗަށް ގެނެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.