ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ހޯއްދެވި ކާމިޔާބީ ފާހަގަކުރަން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން ތަފާތު ހަފުލާއެއް ބާއްވައިފިއެވެ.
ގަލޮޅުގައި ބޭއްވި މި ހަފުލާގައި އިންތިޚާބީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަޒީރާ ވަންތަ ގޮތަކަށް ތައްޔާރުކޮށްފައިވާ މި ހަފްލާގައި މުނިފޫހި ފިލުވުމަށް ބޮޑުބެރުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަފްލާގައި އިންތިހާބީ ރައީސް ސޯލިހާއި ފައިސަލްއާ އެކު ގިނަ އަދަދެއްގެ ގަލޮޅުގެ ރައްޔިތުން ވަނީ ފޮޓޯ ނަގާފައެވެ.
މި ދެ ބޭފުޅުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ 58.4 ޕަސެންޓް ވޯޓުންނެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް މާލެ އާއި ރަށްރަށުގައި ހިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އަދި މާލޭގައި ބާއްވަމުން ދާ މިފަދަ ހަރަކާތްތަކުގައި އިންތިޚާބީ ރައީސް އާއި އެމަނިކުފާނުގެ ނާއިބު ގެންދަވަނީ ބައިވެރިވަޑައިގަންނަވަމުންނެވެ. އަދި ގިނަ ރައްޔިތުންތަކަކާ އެ ދެ ބޭފުޅުން ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.
އިންތިޚާބީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމު މިވަގަތު އަވަދިނެތި އުޅުއްވަނީ އާ ސަރުކާރު އެކުލަވައިލެއްވުމުގައެވެ.