ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަށް އެ ދުވަހު ހުވާ ކުރެއްވެން ވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ޗެއަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޓްރާންސިޝަން ކެމެޓީގެ ޗެއަރ ޢަބްދުﷲ ޝާހިދުއާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ތަފްސީލް ރާއްޖެ އެމްވީއަށް ދެއްވަމުން މޫސަ ވިދާޅުވީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ރާއްޖެ އެމްވީއަށް މޫސަ ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށްވާ އިރު އެ ދުވަހު އިންތިޚާބީ ރައީސް ސޯލިހަށް ހުވާކުރެއްވެން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ލަފާ މަޖިލީހުގެ ރައީސަށް އަރުވާނެ ކަމަށާއި ގޮތެއް ނިންމަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.
މޫސަ ވިދާޅުވީ 2013 ވަނަ އަހަރު ދިމާވީ މުޅިން އެހެން ހާލަތެއް ކަމަށާއި އެހެން ދިމާވާ ހާލަތަކުން ޤާނޫނު އަސާސީގައި ބުނާ ކަންތައްތަކަކަށް ބަދަލު އަންނަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ވެސް އިންތިޚާބީ ރައީސަކު ނެތް ހާލަތުގައި މަޖިލީހުގެ ރައީސް އެމަޤާމް އަދާކުރައްވަން އޮންނަ އޮތުމާ އެއްގޮތަށް އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހުވާ ކުރައްވަން ތާއީދު ކުރެއްވިކަން ފާހަގަ ކުރައްވަމުން އެކަން އޭރު ބަދަލުވެގެން ދިޔައީ ސުޕްރީމް ކޯޓުން ނެރުނު އަމުރުން ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ވެސް ދައުލަތުގެ އެއްބާރަށް ވެފައި މަޖިލީހަކީ ހުރިހާ ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންތަކެއް ތިއްބަވާއިރު އެހެން ފަރާތަކުން މަޖިލީހުގެ ބާރަށް އެރޭ ފަދަ ގޮތަކަށް ކަންކަން ވެގެން ނުވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރަށް ވާއިރު ނޮވެމްބަރު 11 ވަނަ ދުވަހު އިންތިޚާބީ ރައީސާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރެއްވުން ވަރަށް މުނާސަބުވެގެންދާ ކަމަށާއި އެ މުނާސަބާ އިތުރަށް ފުރިހަމަވެގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެމަޤާމަށް ހޮވިވަޑައިގަތުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި އެއީ ވެސް އެ ދުވަހު އެ ދެ ބޭފުޅުން ހުވާކުރެއްވުން ބޭއްވުމަށް ވަރަށް ބޮޑަށް އެދެވިގެންވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ދެ މެމްބަރަކު ރައީސާއި ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބު ވެފައިވާތީ މަޖިލީހުން ހޫނު މަރުހަބާއެއް ދަންނަވަން ވެސް ބޭނުންފުޅުވާ ކަމަށާއި އެކަމަށްޓަކައި ވެސް އެ މުނާސަބު ދުވަހު ހުވާކުރެއްވުން ބާއްވަން ބޭނުންފުޅުވާ ކަމަށް މޫސަ ވިދާޅުވިއެވެ.