އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަށް އެމަނިކުފާނު ހުވާކުރެއްވުމުގެ ރައްސމިއްޔާތު ގަލޮޅު ދަނޑުގައި ބޭއްވުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަމުން އަންނަ ކަމަށް މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޗެއަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޑިރެކްޓަރ އޮފް ޓްރާންސިޝަން އަހްމަދު ލަތީފްގެ އިތުރުން ޓްރާންސިޝަން ކެމިޓީގެ ޗެއަރ ޢަބްދުﷲ ޝާހިދު ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކާއި ބައްދަލު ކުރައްވާފައެވެ.
އެބައްދަލުވުމުގެ ތަފްސީލް ރާއްޖެ އެމްވީއަށް ދެއްވަމުން މޫސާ މަނިކު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ވެސް އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެހައި އިންތިޒާމްތައް މަޖިލީހުން ކުރަން ފަށާފައިވާ ކަމަށާއި އަމީން ޢާއްމުގެ ބެއްލެވުމުގެ ދަށުން އެކަމަށް 27 މެމްބަރުންގެ ކޮމެޓީއެއް ނަގާފައިވާ ކަމަށެވެ. މޫސަ ވިދާޅުވީ އެކަމަށްޓަކައި ބައްދަލުވުންތައް މީގެ ކުރިން ބާޢްވާފައިވާ ކަމަށެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ކަމަށް ޤާނޫނު އަސާސީގައި ވަނީ ކަނޑައަޅާފައި ކަމަށާއި މަޖިލީހުގެ ވިސްނުމަކީ އިންތިޚުބުވާ ރައީސަކު ބޭނުންފުޅުވާ ތަނެއްގައި އެ ޖަލްސާ ބާއްވައި ދެވޭތޯ މަސައްކަތް ކުރުން ކަމަށް މޫސަ ވިދާޅުވިއެވެ. އެގޮތުން ގަލޮޅު ދަނޑުގައި އެ ޖަލްސާ ބާއްވައި ދިނުމަށް އެދިފައިވާ އިރު އެތަނަކީ އެކަމަށް އެކަށޭނަ ތަނެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްއާ ބައްދަލުކޮށް އެކަންކަން ހަމަޖައްސަވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބޭރުގެ ވަރަށް ގިނަ ޑިޕްލޮމޭޓުން ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު ފޮރިންގ މިނިސްޓްރީ މެދުވެރިކޮށް އެކަންކަމުގެ އިންތިޒާމްތައް ކުރިއަށް ގެންދަވާ ކަމަށާއި ކާޑް ޑިޒައިން ކުރުމާއި ޕްރިންޓް ކުރުމުގެ ކަންކަން ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
މޫސަ ވިދާޅުވީ 2013 ވަނަ އަހަރުގެ ދެވަނަ ބުރު ނިމުމާ އެކު ރައީސް ޔާމީން ވެސް އެދިވަޑައިގަތީ ދަރުބާރުގޭގައި އެ ޖަލްސާ ބާއްވައި ދިނުން ކަމަށާއި ކިތަންމެ ވަގުތުކޮޅު ކުޑަ ނަމަވެސް އެ ފަހަރު ވެސް އެކަން ކުރައްވާފައި ވާނެ ކަމަށެވެ. ނަމަވެސް މި ފަހަރު ވަގުތު އޮއްވާ ދުރާލާ އެކަން ކުރަން ޖެހުމުން ފަސޭހަވާނެ ކަމަށާއި އިންތިޚާބީ ރައީސް ބޭނުންފުޅުވާ ގޮތަށް ވަރަށް ފުރިހަމައަށް އެޖަލްސާގެ ކަންކަން ކޮށްދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.