ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީންނަށް ގެއްލިގެން ދިޔައީ ގާތްކުރަން ނުޖެހޭ މީހުން ގާތްކޮށް، ޕްރޮފެޝަނަލް ނޫން ބަޔަކާ ކަންކަން ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުން ކަމަށް،ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ކެމްޕޭންގެ ވަރަށް ގިނަ ހަގީގަތްތައް އެނގިވަޑައިގަންނަވާ އަޝްމަލީ ވިދާޅުވި ގޮތުގައި އިންތިޚާބު ނާކާމިޔާބުވެެންދިޔަ މައިގަނޑު ސަބަބަކީ ކެމްޕެއިން އެޖެންޓް އަދުލީ އިސްމާއީލްއެވެ. އެހެން ބޭފުޅެއްގެ ނަން ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ ޓީމަށް ނިސްބަތް ކުރައްވައި އަޝްމަލީ ވިދާޅުވީ އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ "ވަކި ސާކަލެއްގައި ތިބި ބަޔަކު" ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބުރުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަކީ، ކައިރި ކުރަން ނުޖެހޭ މީހުން ކަމަށާއި ޕްރޮފެޝަނަލް ނޫން މީހުން ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

"ހަގީގަތުގައި އިންތިޚާބުން ބަލިވެގެން ދިޔައީ ކައިރިކުރަން ނުޖެހޭ މީހުން ކައިރިކުރުމުން، ދުރުކުރަން ނުޖެހޭ މީހުން ދުރުކުރުމުން. މިނިސްޓަރުންނާއި މަޖިލީހުގެ ގިނަ މެމްބަރުން ވެސް ތިބީ ދުރުކޮށްފައި. އަނެއް ސަބަބަކީ ކެމްޕެއިންގައި އުޅުނު ބައެއް ފަރާތްތައް ޕްރޮފެޝަނަލް ނުވުން،" އަޝްމަލީ ވިދާޅުވި އެވެ.
އިންތިޚާބުގައި ރައީސް ޔާމީންއަށް ނާކާމިޔާބުވެވަޑައިގެންނެވީ އަޝްމަލީގެ ސަބަބުން ކަމަށް ޕީޕީއެމްގެ ބައެއް ބޭފުޅުން ތުހްމަތުކުރާތީ، އެކަމާ ގުޅޭ ގޮތުން ސްރީ ލަންކާގައި ހުންނެވި އަޝްމަލީ ރާއްޖެއެމްވީއަށް ވިދާޅުވީ ރާއީސް ޔާމީނަށް އޭނާ ހިދުމަތް ކުރެއްވީ "ވަރަށް އިހްލާސްތެރިކަމާއެކު" ކަމަށެވެ. ނަމަވެސް އޭގެ އަގު ވަޒަންކުރި ގޮތުން ދެން ދުވަހަކު ވެސް ރައީސް ޔާމީނަށް ޚިދުމަތް ކޮށްދެއްވަން ބޭނުންފުޅު ނުވާ ކަމަށް އަޝްމަލީ ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތްކުރީ ވަރަށް ރަނގަޅަށް، އިހްލާސްތެރިކަމާއެކު. އަޅުގަނޑު މިކޮށްދިން ޚިދުމަތް އެހެން މީހަކަށް ކޮށްދިން ނަމަ މާރަނގަޅުވީސް، ދެން ދުވަހަކު ވެސް އެ ބޭފުޅުންނަށް [ރައީސް ޔާމީނަށް] ޚިދުމަތެއް ކޮށެއް ނުދޭނަން،" އަޝްމަލީ ވިދާޅުވި އެވެ.
އިންތިޚާބުގައި އޮޅުވާލުންތައް ހުރި ކަމަށް ކުރާ ތުހްމަތުތަކަށް ރައްދު ދެއްވުމުގެ ގޮތުން އަޝްމަލީ ވިދާޅުވީ "އެފަދަ ކަންކަން ހިނގާފައިވާނަމަ، އެކަން އެނގޭނީ އަދުލީ އާއި އީސީގެ ރައީސް ޝަރީފަށް" ކަމަށެވެ. އިންތިޚާބުގައި އޭނާގެ ދައުރަކީ ސައިބަރ ސެކިއުރިޓީ ވަރަގަދަކުރުން ކަމަށާއި އެ ކަމުގެ ލަފާ، ގައުމީ ލަފާދޭ ކޮމިޓީގައި އަރުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވައި، އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހްމަތުކޮށް، ރައީސް ޔާމީން ވަނީ އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. މިހާރު އޮތީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ހުކުމްކުރުމާ ހިސާބުގަ އެވެ.
އިންތިޚާބުގައި ރައީސް ޔާމީނަށް 41.6 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 58.4 ޕަސެންޓް ވޯޓެވެ.