އިންތިހާބު ވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ވެސް ބައްދަލު ކުރައްވަން ބޭނުންފުޅުވެ ވަޑައިގެންނެވީ ރާއްޖެ ޓީވީގެ މުވައްޒަފުންނާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރާއްޖެޓީވީ އަށް ޒިޔާރަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖެ ޓީވީގެ މުވައްޒަފުންގެ މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށާއި ދަތުރުތަކުގައި ރާއްޖެ ޓީވީގެ މުވައްޒަފުން އުޅެން ޖެހުނު ބުރަކަމާއި ދަތިތައް އެއްކައިރި ކޮށްފައި ވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އުޅުނު ބުރަ ގޮތް ފެނިވަޑައިގެންނެވި ކަމަށެވެ. މިނިވަން ނޫސްވެރި ކަމަށްޓަކައި ރާއްޖެ ޓީވީ އިން ކުރާ މަސައްކަތަށް ސޯލިހް ވަނީ ހިތްވަރު ދެއްވައި، ސާބަސް ދެއްވައި ޝުކުރު ދަންނަވާފައެވެ.
"ރާއްޖެޓީވީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް އަޅުގަނޑަށް ފެނިގެންދިޔަ ކޮންމެ ދުވަހަކު. މިނިވަން ނޫސްވެރިކަމަށްޓަކައި ރާއްޖެ ޓީވީ އޭރު ވެސް މިހާރު ވެސް ކުރާ މަސައްކަތަށް ހިތްވަރުދީ ސާބަސް ދެން މިއަދު ވެސް. މިއަދަކީ ހަމަ އަޅުގަނޑު އިންތިހާބު ނިމުމާ އެކީގައި ދެކެން ބޭނުންވި ދުވަހެއް އެންމެ ފުރަތަމަ ބަޔަކާ ބައްދަލު ކުރަން ބޭނުންވި ބަޔަކީ ރާއްޖެޓީވީގެ މުވައްޒަފުން" ސޯލިހް ވިދާޅުވިއެވެ.
ރައީސް ކަމަށް އިންތިހާބުވެ ވަޑައި ގެންނެވުމަށް ފަހު ސޯލިހް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޓިވީ ސްޓޭޝަނަކީ ރާއްޖެ ޓީވީ އެވެ.
ރާއްޖެ ޓީވީ އިން ސޯލިހަށް ދެންނެވި ހޫނު މަރުހަބާ އަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.