މާލެ އާއި ފުވައްމުލަކުގެ ރިންގ ރޯޑު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގައި އީއައިއޭ ރިޕޯޓާއި ހިލާފުވެފައިވާތީ އީޕީއޭ އިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ހައުސިންގ މިނިސްޓްރީ 80000ރ. އިން ޖޫރިމަނާ ކޮށްފައެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި އިސްލާހު ގެނައުމުގެ ގަވާއިދު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމުގެ ގޮތުގައި ލިސްޓު ކޮށްފައިވާ ކަމެއްގެ ގޮތުގައި މަގު ހެދުމުގެ މަޝްރޫޢުތައް ހިމެނިފައިވީ ނަމަވެސް "މާލޭ ރިންގު ރޯޑު" ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދޭ ކަމަށް ބަޔާން ކޮށްފައިވެއެވެ.
އެ އެޖެންސީއަށް ހުށަހެޅުމެއްނެތި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލަށް ބަލާ ކުށް ކުރި ފުރަތަމަ ފަހަރުކަމަށްވާތީ 20,000ރ. ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ނިންމި ނިންމުންތަކާ ޚިލާފަށް ހައުސިންގ މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެކަންތައްތަކަށް ބަލާ 60000ރ. އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.
މި ދެ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އީޕީއޭއިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވާ އިރު މިމަހުގެ 15 ވަނަ ދުވަހުވެސް ވަނީ 50000ރ. އިން ހައުސިންގ މިނިސްޓްރީން ޖޫރިމަނާ ކޮށްފައެވެ. އެފަހަރު ޖޫރިމަނާކޮށްފައިވަނީ ގަވައިދާ ހިލާފަށް ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާ މައްސަލައިގައެވެ.