ދ. އަތޮޅު ރިނބުދޫ ކައިރީ އަލަށް ހަދަމުންދާ "މާގާ" ނަމަކަށް ކިޔާ ރިސޯރޓެއްގެ ބަދިގޭގައި ގޭސް ލީކްވެ ހިނގި ހާދިސާއެއްގައި އަށް ބިދޭސީއަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ އެ ރިސޯރޓް ހުޅުވުމަށްޓަކައި ކުރަމުން ދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި ރިސޯރޓްގެ މުވައްޒަފުންނަށް ހާއްސަކޮށްފައި ހުރި ބަދިގޭގައި ބަހައްޓާފައިވާ ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއިއެކު، ބަދިގެތެރޭގައި ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލަށް ހަދަމުންދާ މި ރިސޯރޓުގައި ހިނގި މި ހާދިސާގައި 8 ބިދޭސީއަކަށް ވަނީ ގޭހުން އެރި އާވީގެ ސަބަބުން އެކި ވަރަށް، އެކި މީހުން ފިހިފައި ކަމަށެވެ. އަދި މިހާރު މިމީހުންނަށް ރިސޯރޓްގެ ފަރާތުން ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފަރުވާ ދެމުންދާއިރު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ ބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި ހުޅުފަޅައިގެން ދިއުމުގެ ސަބަބުން ޢިމާރާތަށް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ހަވީރު 17:20 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ ނިލަންދޫ ހޮސްޕިޓަލުންނެވެ. ނިލަންދޫގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންގެ ޓީމެއް ވަނީ އެ ރިސޯރޓަށް ގޮސް ހާދިސާ ހިނގި ސަރަހައްދު ބަލާފައެވެ.
މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.