ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުދާތަކެއް ދޯންޏަކަށް އަރުވައިގެން ހުޅުމާލެއިން ބޭރު ކުރަން އުޅެނިކޮށް، ފުލުހުން ގޮސް ހުއްޓުވައިފިއެވެ.
ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އެ މުދާތައް ހިފަހައްޓާފައި ވަނީ ހުޅުމާލެ ހުޅަނގުފަރާތު ފެރީޓާމިނަލް ހިމެނޭ ސަރަހައްދުން އަމިއްލަ ބައެއްގެ ދޯންޏަކަށް އަރުވައިގެން، އެ ރަށުން ބޭރު ކުރަން އުޅެނިކޮށެވެ.
އެޗްޑީސީގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ ދޯންޏަކަށް އަރުވައިގެން ހުޅުމާލެ އިން ބޭރު ކުރަން އުޅުނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް އެ ކުންފުނިން ހަރަދުކޮށްގެން ގަނެސްފައިވާ ބައެއް މުދާތަކެއް ކަމަށެވެ. އޭގެ ތެރޭގައި ކެމްޕެއިން ބެނާތައް ހަރުކުރުމަށް ކުންފުނިން ގަނެފައިވާ ހޮޅިދަނޑިތައް ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެތަކެތި ހުޅުމާލެ އިން ބޭރު ކުރަން އުޅެނިކޮށް ހުއްޓުވީ އެޗްޑީސީގެ ބަޔަކާއި ފުލުހުންނާ ގުޅިގެން ބުދަ ދުވަހުގެ ރޭ ގައި ކަން ވެސް އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެ އަމަލު ހިންގުމުގައި ވެސް އެޗްޑީސީގެ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށާއި އެގޮތަށް ބައެއް މުދާތައް ހުޅުމާލެ އިން ބޭރުކޮށްފައި ވާކަން ވެސް އޭނާ ވިދާޅުވިއެވެ.
"މި މުދާތައް ބޭރު ކުރުމުގައި އެޗްޑީސީގެ ބައެއް މުވައްޒަފުން ބައިވެރިވެފައި ވާކަން ހިތާމައާ އެކު ފާހަގަ ކުރަން. ބައެއް މުދާތައް ހުޅުމާލެ އިން ބޭރުކޮށްފައިވޭ. އެކަމަކު އަޅުގަނޑުމެން [އެޗްޑީސީގެ މުވައްޒަފުން] މިކަން ވިޔަ ނުދިނުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަނީ،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެޗްޑީސީގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވިއެވެ.