އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ބުދަ ދުވަހުގެ ހަވީރު 4:44 ހާއިރު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެއޮޕަރޭޝަންގައި، ހިތަދޫގެ އީދިގަލި ކިޅި ސަރަހައްދުން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދޭތެރެ ދޭތެރެ އިން ރާއްޖެ އެތެރެ ކުރަނިކޮށް، އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޯދައި މީހުން ހައްޔަރު ކުރި ނަމަވެސް، އެ މައްސަލައަށް އެދޭ ހައްލެއް ލިބިގެން ނުދެއެވެ.