ރައީސް އަބްދުﷲ ޔާމީން ބޭރަށް ފުރަން އުޅުއްވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ސުވާލު އުފައްދަވައިފިއެވެ.
ކުރީގެ ނައިބް ރައީސް ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި އެދިލެއްވީ ގަޓުކަމާއެކު ރައީސް ޔާމީން ފިއްލަވަން ނޫޅުއްވާ މިނިވަން ތަހްގީގަކާއި ކުރިމަތިލެއްވުމަށެވެ.
ޑރ.ޖަމީލުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ނުދެކޭ ވަރުގެ ކަރޮޕްޝަން ހިންގަވައި، މުޅިގައުމުގައި ގިނަބަޔަކަށް އަނިޔާކޮށް، ދައުލަތް ބަނގުރޫޓްކޮށްލާފައިވާ ކަމަށެވެ. އަދި މަޖުލީހަށާއި ކޯޓުތަކަށް އަރައިގަނެ ބޮޑެތި ޖަރީމާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައި ވެއެވެ.
މީގެ އިތުރުން އެ ޓްވީޓްގައި، ޤައުމު ދޫކުރައްވާ ތިޔަ ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްވެތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ގަޓްކޮށް މިނިވަން ތަހުގީގަކަށް ކުރިމަތިލެއްވުމަށް ރައީސް ޔާމީނަށް ވަނީ ގޮވާލައްވާފައެވެ.
Nudhekey varuge corruption, mulhi qawm ge gina bayakah aniyaa, Dhaulah bangroot koh,Majlis &court thakah araigane bodethi Jareemaathah.Qawm dhookurahvai thiya furaivadai gannavan ulhuhvanee keehve thoa?Gut koh minivan thahqeeqakah kurimathi lahvavaa RY. حسبن الله ونعم الوكيل pic.twitter.com/hyFyWKB3Bs
— Mohamed Jameel Ahmed (@MJameelAhmed) October 17, 2018
ޑރ.ޖަމީލު މިގޮތަށް ޓްވީޓް ކުރައްވާފައި ވަނީ ކުއްލި ގޮތަކަށް ރައީސް ޔާމީން ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނަށް ފަސް އަހަރުތެރޭގައި ނުކުރެވުނު ކަމަކީ މީހުން ދަސްނުވުން ކަމަށާއި، ކުރެއްވި ކޮންމެ ކަމެއް ކުރެއްވި ގައުމުގެ ދިފާއުގައި ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.