މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފިއެވެ.
ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތް اللهގެ މަތިވެރި ޒާތުފުޅަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ރަސޫލުބޭކަލުންގެ ޝަޚްޞު ހާމަކޮށް ކުޅެފައި ހުންނަ ފިލްމުތަކާއި ވީޑިއޯތަކާއި އޯޑިއޯތަކާއި، ކާޓޫނުތަކާއި، ފޮޓޯތައް ދެއްކުމާއި ހާމަކޮށް ފެތުރުމާއި، ރަޙިމުގެ ގުޅުންތަކާއި ޢާއިލީ ގުޅުންތައް ކެނޑިގެން ހިނގައިދާނެ ފަދަ ޢަމަލުތަކާއި ކަންކަން ކުރުން މި ފަހަކަށް އައިސް އާންމުވެފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތައް ބުރޫއަރާ، އެފަދަ ކަންކަމަށް ހިތްވަރު ދީ ދިވެހިރާއްޖޭގައި މާތްވި އިސްލާމްދީން ނޫން އެހެނިހެން ދީންތަކަށް އަޅުކަން ކުރުމަށް ހިތްވަރުދީ ބާރުއެޅިގެންދާނެ ކަމެއް ކަމަށާއި އެފަދަ ޢަމަލުތައް ރާއްޖޭގައި އިތުރުވަމުންދާކަން މިނިސްޓްރީއަށް ފާހަގަ ކުރެވޭތި އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާ ކަމަށް ބަޔާނުގައިވެއެވެ.
އެ ކަންކަމަކީ އިސްލާމްދީނުގެ ޢަޤީދާ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފު ކަންތައްތަކެއް ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މުޖްތަމައުގެ ފޭރާން ހެޔޮ ގޮތުގައި ދެހެއްޓުމަށްޓަކައި ކޮންމެ ދިވެއްސަކު ވެސް އެ ކަންކަމާ ދުރުހެލިވެ އިސްލާމްދީނުގެ މާތް އަޚްލާޤާއި ރިވެތި އަގުތަކުގައި ދެމިތިބުމަށް މިނިސްޓްރީން ގޮވާލާކަމަށެވެ.
ރާއްޖޭގެ އެންމެހާ މީޑިއާތަކުން އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.