ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.
އެ މައްސަލަ ހުށަހެޅުއްވި ވަކީލު ޢަބްދުލް މާނިއު ހުސައިން އެ މައްސަލަ ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ އެކަން އެގޮތަށް ނިންމީ ތިން ސަބަބަކާ ހުރެ ކަމަށެވެ. އެއީ
- ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ކަރުދާސް މަތީ ހަރަކާތްތެރިވެ އުޅޭ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީންގެ ތަރުޖަމާނު ދައްކާފައިވާ ވާހަކަފުޅަކީ އިލްމީ ގޮތުން ސާބިތުހިފޭ ވާހަކަފުޅެއް ނޫން ކަމަށް އެ ދާއިރާގެ އިލްމުވެރި ބޭފުޅުން މައުލޫމު ދެއްވާތީ އާއި
- ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާ ފާހަގަ ދޭކާ ހަމައަށް ވެއްޓޭ މަންޒަރު ފެންނަހިނދު އެކަމާ އަންތަރީސްވެ އެ ހިނދުން ހިނދަށް އިލެކްޝަންސްގެ އޮފިޝަލުންގެ ސަމާލު ކަމަށް އެކަން ގެންނާނެ ކަމާއި އަދި ހަމަ އެ ކަރުދާހުގައި ޖެހި ފާހަގަ އެ ހާލުގައި އޮއްވައި އިލެކްޝަންސްގެ އޮފިޝަލުންނަށް ދަންނަވައިގެން ވިޔަސް އެކަކާއި ދިމާ ފާހަގަ ހަރުލައްވަން މަސައްކަތް ނުކޮށް ވޯޓުފޮއްޓަށް އެ ކަރުދާސްކޮޅު ވައްޓައި ނުލާނެ ކަމީ އިންސާނީ ތޮބީއަތުގެ ސިފަތަކަށް ނަޒަރުކުރާ އިރު ކަންހިނގާނެ މަގުކަމަށް ގަބޫލުކުރެވުނަސް ރައީސްގެ ތަރުޖަމާނު ވިދާޅުވާ ވާހަކައިގައި މި ފަދައިން ކަން ހިނގާފައިވާ ކަމަށް ވިދާޅުވެފައި ނުވާތީ އަދި މިފަދަ ރިޕޯޓެއް ވޯޓުލީ ދުވަހު އީސީގެ އޮފިޝަލުންނަށް ލިބިފައިނުވާ ކަމަށް އެ ކަމިޝަންގެ އިސް ބޭފުޅަކު ވިދާޅުވެފައިވާތީ އާއި،
- ރައީސްގެ ތަރުޖަމާނު ދައްކާފައިވާ ވާހަކަފުޅަކީ ބުހުތާނު ދޮގެއްކަން އެއްވެސް ޝައްކެއް ނެތި ކަށަވަރުވާތީ އެވެ.
އެ ދޮގުގެ މައްޗަށް ލެނބިގެން އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހައިކޯޓަށް ހުށައެޅުނު ކަމަށްޓަކައި ހިތާމަ ކުރައްވާ ކަމަށް ވެސް މާނިއުގެ ސިޓީގައި ވެއެވެ.
މި މައްސަލަ ހުށަހެޅިފައި ވަނީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ނިމުމަކާ ގާތްވެފައި ވަނިކޮށެވެ.