ޕާކިސްތާންގެ އެމްބެސެޑަރ ވައިސް އެޑްމިރަލް ރިޓަޔާރޑް ވަސީމް އަކުރަމް އިންތިޚާބީ ރައީސް އަރިހަަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޕާކިސްތާން އެމްބެސެޑަރު އިންތިޚާބީ ރައީސް ސޯލިހާއި ބައްދަލުކުރައްވާފައި މި ވަނީ، ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި މިހާރުގެ ރައީސް އަބުދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވައި، އެ މައްސަލައިގެ އަޑުއެހުންތައްވެސް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ޕާކިސްތާން އެމްބެސެޑަރ ވައިސް އެޑްމިރަލް ރިޓަޔާރޑް ވަސީމް އަކުރަމް އިންތިޚާބީ ރައީސާއި ބައްދަލުކުރެއްވުމުގެ ކުރިން އެގައުމުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ އިންތިޚާބީ ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބީ ރައީސް ސޯލިހު ވަނީ އިމްރާންއަށް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުއްވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަކީ އިންތިޚާބީ ރައީސް ސޯލިހު ވަރަށް ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކުރެއްވި އިބުރާހިމް މުހައްމަދު ސޯލިހަށް ދުނިޔޭގެ ގައުމުތަކުން ދަނީ ހުއްޓުމެއްނެތި މަރުހަބާ ކިޔަމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސް ވަފުދުތައް ދަނީ އަމަނިކުފާނުގެ އަރިހަށް ޒިޔާރަތް ވެސް ކުރައްވަމުންނެވެ.