ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ހެދުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން އިން ހުޅުވާލައިފިއެވެ.
އެމްއެންޔޫ އިން ކުރި އިއުލާނެއްގައި ބުނީ، ދިވެހި ބަހުން ޕީއެޗްޑީ ހެދުމަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31 ވާ ބުދަ ދުވަހުގެ 13:00 ކަމަށެވެ.
ފެކަލްޓީ އޮފް އާޓްސް އިން ފެށުމަށް ހަމަޖައްސާފައިވާ އެކޯހަށް އެދި ހުށަހަޅާ ފަރާތްތަކަކީ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުމާއި، ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.
ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭއިރު ޑިގްރީ ނުވަތަ މާސްޓަރސް ހާސިލު ކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި ދިވެހި ބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތައް ކޯހަށް ހޮވުމުގައި އިސްކަން ދެވޭނެކަމަށް އެމްއެންޔޫ އިން ބުނެއެވެ.
އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރުމަށް އިހްތިޔާރުކުރެވޭނެ ކަންތައްތައް:
- މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް
- ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން
- ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް
- ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން
- ބަހުގެ ފެންވަރުބެލުން
- ދިވެހިބަހުގެ ސްޓްރަކްޗާ
- ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން
ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާ ހަޔާ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މައްޗަށްކަމަށް އެމްއެންޔޫ އިން ބުނެއެވެ.