ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ދާ މި ދަނޑިވަޅުގައި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފައިސާ ރައްކާކުރުމަށް ރާއްޖެ އިން ބޭރަށް ފުރާތީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ފުލުހުންގެ ބަހެއް ނުލިބި، މި މައްސަލައަށް ފުލުހުންގެ މާބޮޑު ސަމާލުކަމެއް ނުދޭކަން ހާމަވެއްޖެއެވެ.
އެމައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ހޯދާ ލުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ "ރާއްޖެއެމްވީ"އަށް އެ މައްސަލައިގެ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކަށް ފުލުހުންގެ މީޑިއާ އޮފީޝަލާ ހަވާލާދީ "ވަކި އެއްޗެއް ބުނެވެން ނެތް" ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގުކުރާ ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ނޭނގެއެވެ.
އަލީ ހުސައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ އިސް މަގާމުތަކުގެ އޮފިޝަލުންތަކެއް ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށައަޅަން ބޭނުންވީ އެކަން ސަމާލުކަން ގެނައުމަށްޓަކައި ކަމަށެވެ.
އަލީ ހުސައިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ބޭރަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފައިސާ ރައްކާކުރުމަށް ފުރާ ކަމުގެ މައުލޫމާތު ލިބުމުން އެމައްސަލަ ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށް ގެންނަން ނިންމީ އެކަން ހުއްޓުވުމަށް ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އިސް ވެރިންތަކެއް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން މިމަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ.
އެ މީހުން ފުރަން އޮތް ދުވަހާ ދިމާކޮށް، ޕީޕީއެމުން އެޕާޓީގެ ސަޕޯޓަރުންނަށް ބުނަމުންދިޔައީ އުފާވެރި ޚަބަރެއް މިމަހުގެ 10 ވަނަ ދުވަހު ލިބިގެންދާނެ ކަމަށެވެ. އެދުވަސް ވެގެންދިޔައީ ސަރުކާރުންގެ އިސްބޭފުޅުންތަކެއް ފައިސާތަކެއް ހިފައިގެން ރާއްޖެއިން ބޭރަށް ފުރަން އުޅޭކަމުގެ އަޑުތަކާއެކު، ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ދުވަސް ގޮތުގައެވެ.
މި ވާހަކަތައް ދެކެވެމުން ދަނިކޮށް މީގެ ދުވަސްކޮޅެއް ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ވަނީ ސައުދީ އަށް ވަޑައިގެންފައެވެ.