ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އެ އިންތިޚާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި ފަހު އަޑުއެހުމަށް ވަނުމަށް ފުރުސަތު ލިބުނީ ހަމައެކަނި ޕީޕީއެމްގެ ސަޕޯޓަރުންނަށެވެ.
މިއަދުގެ އަޑުއެހުމަށް ޕީޕީއެމްގެ ސަޕޯޓަރުން އިއްޔެ ހަވީރުން ފެށިގެން ވަނީ ކިއު ހަދައިފައެވެ.
މި މައްސަލައިގައި ފަހު އަޑުއެހުމަށް ވަނުމަށް ސުޕްރީމް ކޯޓު ސަރަހައްދުގައި ހަދާފައިވާ ކިއުއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު އެރުއްވުމާ އެކު އެ ސަރަހައްދު ވަނީ ހަލަބޮލި ވެސް ވެފައެވެ. މަހުލޫފު ވިދާޅުވި ގޮތުގައި އޭނާ ކިއުއަށް އެރުއްވީ، ރެއިން ފެށިގެން ކިއުގައި އެހެން މީހަކު ބަހައްޓައިގެން އެ މީހާ އަށް ނަންބަރު ލިބިފައިވާތީއެވެ. ނަމަވެސް އޭނާ އަށް ކޯޓަށް ވަނުމުގެ ފުރުސަތެއް ނުލިބުނެއެވެ. އެތާ ކުރިއްސުރެ ތިބި ފަރާތްތަކުން ބުނީ މަހްލޫފް އުޅުއްވަނީ އަމިއްލަފުޅަށް ނަންބަރެއް ތައްޔާރުކުރައްވައިގެން ކަމަށާއި އިއްޔެ ފުރަތަމަ ކިއު ހެދީއްސުރެ ޕީޕީއެމްގެ 30 މީހުން އެ ތަނުގައި ތިބި ކަމަށެވެ.
މަހުލޫފުގެ އިތުރު އެހެން ބައެއް ފަރާތްތަކުން ވެސް ކިއުއަށް އެރިއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކަށް ވެސް މިއަދުގެ އަޑު އެހުމަށް ވަނުމަށް ފުރުސަތު ލިބިފައެއް ނުވެއެވެ.
ކިއު ހަދާފައިވާ މީހުން އަމިއްލަ އަށް ޕްރިންޓްކޮށްގެން ނަންބަރުތަކެއް ގެންގުޅެއެވެ. ޝަރީއަތް އަޑުއެހުމަށް ވަނުމުގެ ފުރުސަތު ދެނީ އާންމުންގެ ގާތްގަނޑަކަށް 25 މީހުންނަށެވެ. އޭގެ އިތުރުން 10 ނޫސްވެރިއަކަށާއި އެ މައްސަލަ އަށް ތަދައްހުލްވެފައިވާ ޕާޓީތަކަށް ވަކި އަދަދެއްގެ މީހުންނަށެވެ. މީގެ ކުރިން ބޭއްވި އަޑުއެހުންތަކަށް ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން ކުރިޔާލާ ކިއުގައި ޖެހިގެން ވަދެފައި ވެއެވެ.
މިއަދު 10:00 ގައި ބާއްވާ އަޑުއެހުމުގައި އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނެއެވެ.
ސުޕްރީމް ކޯޓު ސަރަހައްދުގައި އެސްއޯ ފުލުހުންނާއި ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.