ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހު އިބޫ ކީރިތި ކުރެއްވިކަމަށް އޭރު އެމްޑީޕީގެ ޗެއާޕަސަން އަކަށް ހުންނެވި ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިހުގައި ހުރިހާ ކަމެއް ތަހައްމަލުކުރެއްވުމުގައި އިބްރާހިމް މުހައްމަދު ސޯލިހް ދެމި ހުންނަވައި ނަމޫނާ ދެއްކެވިކަމަށެވެ. އެމްޑީޕިއަށް ދިމާވި އެންމެ ޚައްސާސް ދަނޑިވަޅުތަކުގައި އެމަނިކުފާނު ލީޑްރޯލް ކުޅުއްވިކަމަށާއި، ޕާޓީއަށް ދިމާވި ހުރިހާ ކަމެއްގައި "މަދަދުގާރެއްގެ" ގޮތުގައި އިބޫ ދެމި ހުންނެވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު ހަދާންވޭ ރާއްޖެޓީވީގެ ސްޓޫޑިއޯއަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން އައި ފުރަތަމަ ރޭ އިބުރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރެއްވި. އެކަމާއި ހިތާމަކުރެއްވި،" އަލީ ވަހީދު ވިދާޅުވިއެވެ.
އެ ވަގުތުގައިވެސް، އެންމެ ފުރަތަމަ މަގުމައްޗަށް ނުކުންނަވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވީވެސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނެވި އިރު ރައީސް މުހައްމަދު ނަޝީދާއި، އިބޫ ސޯލިހު އާއި ދެބޭފުޅުންގެ އަރިހުން ވަރަށް ގިނަ ކަންކަން ދަސްވިކަމް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އިބޫ ފަދަ ތަޖުރިބާހުރި ބޭފުޅަކު އެމްޑީޕީގައި ހުރުމަކީ އެމްޑިޕީގެ ނަސީބެވެ. އަދި އޭރު ރައީސް ނަޝީދު ހައްޔަރުކުރުން ފަދަ ކަމަކަށް އޭރު އެބޭފުޅުން ތިއްބެވީ ތައްޔާރަށް ނޫންކަމަށް ވިދާޅުވިއެެވެ. އެހެންނަމަވެސް ކުއްލިއަކަށް ރައީސް ނަޝީދު ހައްޔަރުކުރުމުން ވަރަށް ބޮޑު ހީނަރުކަމެއް އައިކަމަށާއި އެކަންވީ ޕާޓީއަށްވެސް ބޮޑު ޗެލެންޖަކަށްކަމަށް ވިދާޅުވިއެވެ. އަދި އެ ދަނޑިވަޅުގައި ފެނިގެން ދިޔަ "ގަހާގެތަރި" އަކީ އިބޫކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވިގޮތުގައި ރައީސް މުހައްމަދު ނަޝީދާއި އިބޫއާއި ދެބޭފުޅުން ދުވަހަކުވެސް ވަކިވެވަޑައެއް ނުގަންނަވާނެއެވެ.
2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ކުރުމަށެވެ. އެމަނިކުފާނު ހައްޔަރުކުރެވުނު އިރު އޭރު އެމްޑީޕީގެ ޗެއާޕާސަންއަކަށް ހުންނެވީ އަލީ ވަހީދެވެ.