ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ބާއްވާ އެންމެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި ފެށުމުގެ 12 ގަޑިއިރު ކުރިން ކިއު ހަދައިފިއެވެ.
ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ހުށަހެޅި މައްސަލާގައި ދެ ދުވަހެއްގެ މަތިން، އަޑުއެހުންތަކެއް ބޭއްވުމަށްފަހު، އެ މައްސަލައިގެ ފަހު އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު 10:30 އަށެވެ. އެ މައްސަލާގައި ނަން ނޯޓު ކުރުން އަންގާރަ ދުވަހުގެ ހެނދުނު 8:30ގައި ފަށަން ހަމަޖެހިފައި ވަނިކޮށް، ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދަން ފަށާފައި ވަނީ ހޯމަ ދުވަހުގެ ރޭ 8:00 ގައެވެ.
ސުޕްރީމް ކޯޓު ދޮށުގައި ހޯމަ ދުވަހުގެ ރޭ ކިއު ހަދަން ފެށި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޕީޕީއެމްގެ އެކްޓިވިސްޓުންނެވެ. އެގޮތުން އަމިއްލަ އަށް ކިއު ނަންމަބަރު، ގަނޑުތަކެއްގައި ލިޔެގެން 25 ވަރަކަށް މީހުން އެ ސަރަހައްދަށް ޖަމާވެފައި އެބަތިއްބެވެ.
އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ އަޑުއެހުމުގައި ރިޔާސީ އިންތިޚާބު ބާތިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ނެގުމާމެދު ގޮތެއް ނިންމާނެއެވެ.