އިންތިހާބުގެ ފޯރި ގަދަވެފައިވަނިކޮށް މެދުކަނޑާލި، ސަން އޮންލައިން އަލުން ފަށައިފި އެވެ.
އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ސަން މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ސަން އޮންލައިނާއި، ސަން ޓީވީގެ ހިދުމަތް މެދުކަނޑާލީ ރީބްރޭންޑިން މަސައްކަތްތަކަށް ކަމަށް ހާމަކުރުމަށް ފަހު އެވެ.
މަހަކަށް ވުރެ ގިނަ ދުވަހަށް ހިދުމަތް މެދުކަނޑާލުމަށް ފަހު، ސަން އޮންލައިން ހިދުމަތް އަލުން ފެށިއިރު، ސަން އޮންލައިނަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އަދި ސަން އޮންލައިން ފެށިއިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންޓަވިއުތަކާއި، ރިޕޯޓްތައް ގިނަ އަދަދަކަށް ހިމަނާފައިވެއެވެ.
It's good to be back !! pic.twitter.com/gyJRarsTmJ
— sun.mv (@sunbrk) October 15, 2018
ސަން މީޑިއާ ގުރޫޕަކީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރުގެ ގޮތުގައި މަސައްކަތްކުރި އެމްޑީއެގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏެކެވެ. އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފަިއވަނިކޮށް، ސިޔާމްގެ އެމްޑީއޭއިން ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރާކަން ހާމަކޮށް، ރައީސް އަބްދުﷲ ޔާމީނަށް ކުރާ ތާއީދު އެނބުރާ ގެންގޮސްފަ އެވެ. އަދި ސިޔާމް، އެމްޑީއޭގެ ލީޑަރޝިޕްއިންވެސް އެއް ފަރާތަށް ވަޑައިގެންފައިވެއެވެ.
ސަން މީޑިއާ ގްރޫޕު އުފެދުނީ 2009 ވަނަ އަހަރުއެވެ. އެ މީޑިއާއިން އެންމެ ފުރަތަމަ ހިންގަން ފެށީ ސަންއެފްއެމެވެ. އެއަށްފަހު އޮންލައިން ނޫސް ހިންގަން ފަށައި، ސަން މެގަޒިން އާއި ސަންޓީވީގެ ހިދުމަތް ވެސް ފެށިއެވެ.