ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން "ޗާޓައިމް" ތަޅާލަން ޖެހުމުން، ބަދަލުގެ ގޮތުގައި ނިއުޕޯޓަށް ދޭންޖެހޭ 15 މިލިއަން ރުފިޔާ ދިނުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީން އަންގައިފިއެވެ.
މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖުން ދަތުރުކުރާ އުޅަނދުތައް ދުއްވުމަށް ފުޅާކުރަން، ޗާޓައިމް ތަޅާލާފައި ވަނީ މިއަހަރުގެ އެޕްރީލް މަހުއެވެ. ފިނި ބުއިންތައް ވިއްކުމަށް ނިއުޕޯޓުން ހެދި އެތަން ތަޅާލަން ޖެހުމުން ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ނިންމުމުން އޭސީސީއަށް ވަނީ އެ މައްސަލަ ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން އާދީއްތަ ދުވަހު އޭސީސީން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ބުނެފައި ވަނީ އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދޫކުރުމާ ގުޅޭ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އަންގާ ކަމަށެވެ.
"ވީމާ، މި ކޮމިޝަނުން މައްސަލަ ބަލަމުންދާތީ، ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ 'ޗާޓައިމް' އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެންގީމެވެ،" އޭސީސީން ހައުސިން މިނިސްޓަރަށް ފޮނުއްވެވި ސިޓީގައިވެއެވެ.
އެ ސިޓީގައި މިނިސްޓަރަށް އަންގާފައި ވަނީ ވަނީ ނިއުޕޯޓަށް ބަދަލުގެ ދިނުމާ ގުޅޭ އެންމެހާ ލިޔުންތައް އެ ކޮމިޝަނަށް ފޮނުވައި ދިނުމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޗާޓައިމް ހިންގަނީ ބްރިޖު ބަލަން ހަދާފައިވާ ޕްލެޓްފޯމު ހިންގާ ސްޓްރާޑާ ކުންފުނިންނެވެ. އެ ކުންފުންޏަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ކުންފުންޏެކެވެ.
ބްރިޖު ބަލަން ޕްލެޓް ފޯމު ހެދި ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީ ކުރަން ވެސް ދީފައި ވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށެވެ.