ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ސުޕްރީމް ކޯޓުން ނޫން ކަމަށް އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގެ 4 ވަނަ ބާބުގައި ވަރަށް ތަފްސީލުކޮށް ބުނެދީފައިވާ ކަމަށާއި، އެކަން ވަކި މީހަކު ބޭނުންކޮށްގެން ބަދަލު ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބާރުތައް ފެށިގެން އަންނާނީ ވެސް، ދެމިއޮންނާނީ ވެސް ރައްޔިތުން ކިބައިން ކަމަށާއި، ސުޕްރިމްކޯޓާއި، ރައީސް ޔާމީން ނުވަތަ އާޒިމާ ޝަކޫރުގެ ކިބައިން ނޫން ކަމަށެވެ.
ވެރިކަން ނިންމާނީ ކޯޓުން ނޫން ކަމަށާއި، ރައްޔިތުންގެ ވޯޓުން ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ބަލިވުމުން މަސައްކަތް ކުރަނީ ރާއްޖެ ފިތުނަކޮށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ހިންގަން ކަމަށެވެ.
ވަހީދު ވިދާޅުވީ މިހާރު ގައުމު މިއޮތީ ވަރަށް ނާޒުކު ފައްތަރެއް ކަމަށާއި، މިއަނދަވަޅުން އަރައިގަތުމަށް ރައީސް ޔާމީން ހައްޔަރުކޮށްގެން ވެސް މިކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ރައްޔިތުން ނުކުމެ 23 ސެޕްޓެމްބަރުގައި މި ނެގި ވޯޓުގައި ވަރަށް ތަފާތު ބޮޑުކޮށް އެ އޮތީ ނަތީޖާ ބުނެދީފައި. ކޮންމެ ވޯޓުލާ ފޮއްޓެއް ކައިރީގައި އޮބްޒާވަރުންނާއި، މޮނީޓަރުން ހަރަކާތްތެރިވި. ގާތްގަނޑަކަށް އަށް މީހުންގެ ލޯކުރިމަތީގައި ކުރި ކަމެއް ކުރީ. ވޯޓު ގުނާ، ނަތީޖާ އިއުލާން ކުރިއިރު ވެސް މައްސަލައެއް ދިމައެއް ނުވޭ. މައްސަލައެއް އުޅެންޏާ އެ މައްސަލަ ރިޕޯޓު ކުރާނެ. ޝަކުވާ ހުށަހަޅާނެ. ރާއްޖޭގެ ކޮން ރަށެއްގައިތޯ ކޮން ވޯޓު ފޮށްޓެއްގައިތޯ މައްސަލައެއް ދިމާވީ. ހަމަނުޖެހުމެއް ހިނގީ. ނުހިނގާ އިނގޭތޯ. ވަރަށް އަމާން އޮމާންކޮށް ކުރިއަށް ދިޔައީ،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ރައީސް ޔާމީންއާ އެމަނިކުފާނަށް ސަޕޯޓުކުރާ މަދު ބަޔަކު ހައްގު ގެއްލިގެން ނުރުހުންފާޅު ކުރަން މަގުމައްޗަށް ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށާއި، ކޯލިޝަނުން ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރީ ވެސް އެތަކެއް ހައްގަކުން މަހުރޫމްވެގެން ކަމަށެވެ.
ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލް ކުރިއަސް ނުކުރިއަސް ރައްޔިތުންގެ ނިންމުން ބަދަލުނުވާނެ ކަމަށާއި، ވަރަށް ސާފުކޮށް ރައްޔިތުންގެ ނިންމުން ފެންނަން އޮބައޮތް ކަމަށެވެ.