ފަންސާސް އަހަރުގެ ގައިދީއަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ހާޓް އެޓޭކެއް ޖެހިގެން އައްސޭރި ޖަލުން ގެނައި އުމުރުން 50 އަހަރުގެ ފިރިހެން މީހާގެ އެންޖީއޯގްރާމް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޯމަ ދުވަހު މެއަށް ތަދެއް އަރައިގެން އުމުރުން 50 އަހަރުގެ ގައިދީއަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމުން އެ މީހާއަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން އެންޖީއޯގްރާމް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހާއަކީ ހިތުގެ މައްސަލައަކަށް މީގެ ކުރިން ރިޕޯޓްކޮށްފައިވާ މީހެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހާޓް އެޓޭކް ޖެހިފައި ވަނީ އައްސޭރި ޖަލުގައި 10 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެކެވެ. އެ ހުކުމެގެ 3 އަހަރު ތަންފީޒުކޮށް ވަނީ ނިމިފައެވެ. އެ ގައިދީ މާލެ ގެނެސްފައި ވަނީ މެއަށް ތަދެއް އަރައިގެން ހިންމަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އީސީޖީގައި މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ.