މިހާ އިންސާފުވެރިކޮށް ދިޔަ އިންތިޚާބެއް ބާތިލް ވެދާނެ ކަމަށް ބުއްދި ސަލާމަތުން ހުރި އެކަކު ވެސް ނުދެކޭނެ ކަމަށް އިލެކްޝަންސް ކަމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު މެމްބަރު ހަބީބު ވިދާޅުވީ އިންތިޚާބު ކުރިއަށް ދިޔަ ގޮތް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތައާލާ ކަމަށެވެ.
Mihaa insaafuveri koh dhiya inthikhaabeh baathil vedhaane kamah, budhdhi salaamathun huri ekakku ves nudhekeyne.
— Ismail Habeeb (@IsmailHabeeb) October 15, 2018
INSHAA ALLAH,
Molhah dhenevodigen vanee Allah tha'alaa. pic.twitter.com/9yl27Yfes4
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް ފަހު ކޮމިޝަންގެ މެމްބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން އެކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ފިޔަވައި އެހެން މެމްބަރުން ވަނީ އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެންފައެވެ.
ލަންކާގައި މި ވަގުތު ތިއްބެވީ ހަބީބުގެ އިތުރުން އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތެވެ. މެމްބަރުންނަށް ކުރިމަތިވި މަރުގެ އިންޒާރުތަކާއި ގުޅިގެން އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އިންތިހާބުގެ ނާކާމިޔާބީ އެމަނިކުފާނު ވަނީ ގަބޫލުކުރައްވާފައެވެ. ނާކާމިޔާބީ ގަބޫލު ކުރެއްވިތާ ހަފުތާއެއް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓާ މެދު ހިތްހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޯޓު އޮޅުވާލި ކަމަށް ބުނެ، އަތޮޅު ތެރެ އާއި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ އެއްވެފައި ތިބި މީހުންނަށް އިލްތިމާސްކުރައްވާފައެވެ.