އެޗްޑީސީގެ ތަކެތި ޕީޕީއެމް އިން ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިންޓާނަލް އޮޑިޓެއްގެ މަސައްކަތް ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ޗެއަރމަން މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ޕީޕީއެމް ކުރި ކެމްޕެއިންގ ހަރަކާތްތަކުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެހިކަލްތަކާއި އެހެނިހެން ތަކެތި ބޭނުންކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ، އެޗްޑީސީން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކުންފުނީގެ ބޭނުމަށް ކުރާ ހަރަދުތައް ނޫން ގޮތަށް އެހެން ކަންކަމަށް ހަރަދު ކުރާ ކަމަށެވެ. މިކަން ކަން ކުރާނީ އެޗްޑީސީގެ މެނޭޖްމެންޓުން ކަމަށާއި އެއީ ބޯޑުން ކުރާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިފަދަ ތުހުމަތުތަކެއް ކުރަމުންދާ އިރު އެކަންކަން އެނގިގެންދާނީ އޮޑިޓެއް ކުރުމުން ކަމަށާއި ކުންފުނީގެ އިންޓާނަލް އޮޑިޓެއްގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާ އިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި އެޗްޑީސީގެ ވެހިކަލްތަކާއި ތަކެތި ބޭނުން ކުރި ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެ ކުންފުނިން ބޮޑެތި ހަރަދުތަކެއް ކޮންފައިވާ ކަމަށް ތުހުމަތުތައް ދަނީ ކުރަމުންނެވެ.