ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ކުރި ދައުވާ އާއި މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަނުން ބުނި މެމްބަރުން އެ އިދާރާއަށް ވެންނެވި ކަމަށް ބުނާ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
އެ މައްސަލަތައް އަނބުރާ ގެންދިޔައީ ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އާއި އެ މައްސަލަތައް އިތުރަށް ދިރާސާކުރުމަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭ ގޮތަށް މަޖިލީހުގެ ގޭޓްތަކުގައި ތަޅު އަޅުވާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ ގޮތަށް ގޭޓްތަކުގައި ތަޅު އެޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައި ވަނިކޮށެވެ.
ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވަނީ އެ ދުވަހު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އޭގެ އިތުރުން މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވެންނެވި ކަމަށް ބުނެ، އެ މެންބަރުން އެ ދުވަހު ފުލުހުން ހައްޔަރުކުރިއެވެ.
އިލެކްޝަންސް ކަމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މަޖިލީސް މެންބަރުން މަޖިލީހަށް ވަންނަން މަސައްކަތް ކުރުމުން ސިފައިން އެ މެންބަރުންތައް އުފުލާލައިގެން މަޖިލީހުން ނެރެފައި ވަނީ މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ. މެންބަރުން މަޖިލީހަށް ވަޑައިގެންނެވީ މަޖިލިސް ހުއްޓިފައިވާ ސަބަބެއް އޮޅުން ފިލުވައި ކުރަން ހުރި މަސައްކަތްތައް ކުރުމަށެވެ.
އިލެކްޝަންސް ކަމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އޭގެ ތެރެއިން 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑިއެވެ. ބާކީ ތިބި އަށް މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.