ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލު ކުރަން ހުށައެޅި މައްސަލައަކީ ހަވާ ނަފުސަށް އީމާންވާ މީހެއްގެ ޚިޔާލީ ފޮލާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް އާދީއްތަ ދުވަހު ވަނީ ބާއްވާފައެވެ. އެމައްސަލައިގެ ދެވަނަ އަޑުއެހުން މިހާރު ކުރިއަށްދާއިރު ހަސަން ލަތީފަކީ އެމައްސަލައަށް ތަދައްޚުލްވެ ވަޑައިގެންނެވި ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ސުޕްރީމްކޯޓަށް ހުށައެޅުއްވި މައްސަލައަކީ އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިފައިވާ ވަހުމްތަކާއި ވަސްވާސްތަކާއި ޝައްކުތަކުގެ މައްޗަށް އާޒިމާ ޝަކޫރު ލިޔުއްވައި ރޭނިސް ސަލީމްގެ ނަލަ އަޑުފުޅުން އިއްވެވި ހަވާ ނަފުސަށް އީމާންވާ މީހެއްގެ ޚިޔާލީ ފޮލާއެއް ކަމަށެވެ.
R.Yameen SC ah hushahelhuvvi massala akee RY hiyppulhugai ufedhifaiva vahum thakaa vasvaas thakaa shakku thakuge machchah Azima Shukoor liyuvvai Reynis Saleem ge nala adufulhun ivvevi havaanafsah eemanvaa meehegge khiyaaleefolaa eh. pic.twitter.com/fgRBsAHzl4
— Hassan Latheef (@HassanLatheef) October 15, 2018
އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލާގައި އިލެކްޝަންސް ކޮމިޝަނާއި ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ފަރާތުން ޖަވާބުދާރީވާނެއެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމިން ހުށަހައަޅާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ދައުވާ އިއްވެވީ އަހްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ. އަދި އެ ދައުވާގައި ފާހަގަ ކޮށްފައިވާ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރައްދު ދެއްވީ މަޝްހޫރު ގާނޫނީ ވަކީލް ހުސެއިން ޝަމީމެވެ. އަދި މި މައްސަލައަށް ތަދައްހުލުވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ހިމެނޭ ކޯލިޝަނުގެ ފަރާތުން ރައްދު ދެއްވީ ހިސާން ހުސެއިންއެވެ.