ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފިއެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 6:00 ހާއިރު ގިނަ ބަޔަކު ވަނީ ކޯޓު ކައިރީގައި ކިއުގައި ޖެހެން ފަށާފައެވެ.
ކިއުގައި ތިބި މީހުންގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ހިމެނެއެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ޖާގަ އޮތް ގޮތުން އެ ކޯޓަށް އަޑުއަހަން ވަދެވޭނީ ގިނަވެގެން 30 ވަރަކަށް މީހުންނަށެވެ. ނަމަވެސް ގިނަ ބަޔަކަށް ވަދެވޭ ޖާގަ ތަނަވަސް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ސުޕްރީމް ކޯޓު ކައިރީގައި ހަދާފައިވާ ކިއުއަށް މީހުން އަރަން ފެށިއިރު، އާދިއްތަ ދުވަހު ވެސް ބޭއްވި ޝަރީއަތަށް ވަނުމަށް އާންމުންގެ ގިނަ ބަޔަކު ވަނީ ސުޕްރިމްކޯޓު ކައިރިއަށް އެއްވެފައެވެ.
ސުޕްރީމް ކޯޓުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ އިން ފޯރިމަރަމުންދާއިރު، ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. އަޑުއަހަން ވަނަން މީހުން އެމްއެންޑީއެފުން ބަލައި ފާސްކުރާނެއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު 10:30 ގައި ފަށާ އަޑުއެހުމަށް ނަން ނޯޓުކުރަން ފަށާނީ 8:30 ގައެވެ.
އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލާގައި އިލެކްޝަންސް ކޮމިޝަނާއި ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ފަރާތުން ޖަވާބުދާރީވާނެއެވެ.