ނުހައްގު މުއްސަނދިކަން ހޯދުމާއި ނާޖާއިޒު ގޮތުގައި މަގާމުގެ ބޭނުން ހިފުން ހުއްޓުވަން ގާނޫނުތަކެއް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ނުހައްޤުން މުއްސަނދިކަން ހުއްޓުވާނެ ޤާނޫނަކާއި ޓްރާންސިޝަން ޤާނޫނާކީ ވެސް އަންނަ ޖެހޭނެ ޤާނޫނެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން އިންތިހާބު ބާއްވާ ދުވަސްކޮޅާއި ދިމާކޮށް އަލަށް ކުރެވިގެން ނުވާނެ ކަންތައްތައް ބަޔާންކޮށް ޤާނޫނެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެ ޤާނޫނުގެ ތެރެއިން އިންތިހާބު ބާއްވަން އިއުލާންކުރާ ހިސާބުން ކުއްލިއަކަށް ބަނދަރެއް ހަދަން ސޮއިކުރެވިގެން ނުވާނެ ކަމަށާއި ކުއްލިއަކަށް މީހުންނަށް ގެދޮރު ދޭން ނިންމައިގެން ވެސް ނުވާނެ ކަމަށެވެ.
އިންތިހާބީ ރާއީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ގިނަ ކަންތައްތަކެއް ހަމައަކަށް އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދެން އަންނަ ވެރިއަކަށް ޤައުމުގައި ވެރިކަން ކުރަން އިޤްތިސާދީ ގޮތުންނާއި މާލީގެ ގޮތުން ދަތިތަކެއް އެބަހުރި ކަމަށާއި ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު ދައުލަތް ހިންގަނީ ޓެކްސްއިން ލިބޭ އާމްދަނީން ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތް ހިންގުމަށްޓަކައި ބޭރު ޤައުމުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އެހީތެރިކަން ބޭނުންވާނެ އަޅުގަނޑުމެންގެ ރަހުމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމައު އިން. މިހާރު ވެސް އަޅުގަނޑުމެންނަށް އެ އެހީތެރިކަން ލިބެން ފަށައިފި އެއީ މުޅި ދުނިޔެ ވެސް އޮތީ ދިވެހިރާއްޖެއާ ދޭތެރޭގައި ހަދާނެ ގޮތް ހުސްވެފައި ވަނިކޮށް މި ފުރުސަތު ލިބިގެން މި ދިޔައީ. އެހެންކަމުން އަޅުގަނޑުމެން ޤަބޫލުކުރަނީ މާލީ އަދި ފަންނީ ގިނަ އެހީތެރިކަމެއް ލިބޭނެ ކަމަށް" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސިފައިން ބޭރުކޮށް އެތަން ރައްޔިތުންގެ ތަނަކަށް ހަދަން ޖެހޭނެ ކަމަށާއި އެއަށްފަހު ގާނޫނު އަސާސީއާ ޚިލާފަށް ހަދާފައިވާ ގާނޫނުތައް އުވާލަންޖެހޭ ކަމަށެވެ. އެގޮތުން އަބުރުގެ ޤާނޫނު ވެސް އުވާލަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ.
ސުޕްރީމް ކޯޓުން އިންތިހާބު ބާތިލްކޮށްފިނަމަ މަޑުން ނުތިބޭނެ ކަމަށާއި އެބޭފުޅުންގެ ހައްޤުތައް ހޯދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.