ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕުކުރި އެމް7 ރޯކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާތީ އެ މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމް7 ޗާޕްޚާނާ އާއި ފިހާރަ ރޯކޮށްލާނެކަމުގެ އިންޒާރު ދީފައިވަނީ ވޯޓު ކަރުދާހާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދޭ ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެމް7 އިން ފުލުހުންނަށް ހުށައެޅުމުންނެވެ.
މި އިންޒާރުތަކާއި ގުޅިގެން އެމް7ގެ ނަމުގައި ހިންގާ އިމާރާތްތަކުގެ ސެކިއުރިޓީތައް ވަނީ ވަރުގަދަ ކޮށްފައެވެ.
އެމް7ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާވެފައިވަނީ އެތަނުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ބައެއް މުވައްޒަފުން އެ މައުލޫމާތުތައް ކުންފުނީގެ އިސްވެރިންނަށް އެންގުމުން ބިރު ދައްކާފައިވާ ކަމަށެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ހަގީގަތާ ހިލާފު ހެކިބަސް ދިނުމަށް އެމް7ގެ ކިބައިން އެދިފައި ވަނީ ޕީޕީއެމްއަށް ނިސްބަތްވާ ބައެކެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާއިރު ޖުމްލަ ގޮތެއްގައި އެމައްސައިގައި ފާހަގަ ކޮށްފައިވަނީ އިންތިޚާބުގައި ބޭނުންކުރި ވޯޓުކަރުދާހުގެ މައްސަލައެވެ.
އެމް7 އިން ވޯޓު ކަރުދާސް ޗާޕުކުރުމުގެ ކަންކަމުގައި ޕްރޮފެޝަނަލް ނޫން ގޮތަކަށް އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމަށާއި ކިތަންމެ ބިރެއް ދެއްކިނަމަވެސް މިކަމުގެ ތެރެއިން ދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ސައްތާރު ވަނީ ވިދާޅުވެފައެވެ.
އެމް7 ރޯކޮށްލާނެކަމުގެ އިންޒާރާއެކު އެތަނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.