ސެޕްޓެމްބަރު 23 ގައި ރައްޔިތުން ނިންމާފައިވާ ނިންމުން ބާތިލް ކުރެވޭނެ އެއްވެސް ހުއްޖަތެއް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ވިދާޅުވެފައި ވަނީ އިލެކްޝްންސް ކޮމިޝަންއިން ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ އެއްވެސް ޝަކުވާ އަކަށް ޖާގައެއް ނެތް ގޮތަށް ކަމަށެވެ. ރައީސް ޔާމީން ބޮޑާ ހާކާ ނަމަ މައިތިރި ކުރަން ދުނިޔެ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައި ވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އޮކްޓޫބަރު 10 ވަނަ ދުވަހު ސުޕްރީމް ކޯޓުން މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލަ ހުށަހެޅުމުގެ ކުރިން އިންތިހާބުގައި ލިބުނު ނާކާމިޔާބީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ގަބޫލު ކުރައްވާ ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެއަށް ފަހު އިންތިޚާބުގެ ނަތިޖާ ގަބޫލު ނުކޮށް މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 1:00 އެވެ. މައްސަލައަށް ވަނުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ދިހައެއް ޖެހީއްސުރެވަނީ ކިއު ހަދާފައެވެ.
އިންތިހާބު ބާތިލް ކުރުމަށް މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދާފައި ވާއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް އިންތިހާބުގައި ފާހަގަކުރެވިފައިނުވާ ކަމަށެވެ. އިންތިހާބާ ގުޅިގެން 423 ޝަކުވާއެއް ހުށަހެޅި ނަމަވެސް އެ ޝަކުވާތަކަކީ ނަތީޖާއަށް ބަދަލު އަންނާނެ ޝަކުވާތަކެއް ނޫން ކަމަށް އެކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.