ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސައުދީ އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް ނަޝީދު ސައުދީ އަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް، އަދި ސައުދީ އަށް ވަޑައިގަންނަވާނެ ކަން ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ވެސް އަދި އެމްޑީޕީން ވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ދަތުރުފުޅުގައި އެ މަނިކުފާނު ސައުދީ އަށް ވަޑައިގަންނަވާކަން، އަރިސް ބޭފުޅަކު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
ސައުދީގެ މިހާރުގެ ރަސްގެފާނު ކްރައުން ޕްރިންސްއެއްގެ ގޮތުގައި ހުންނެވިއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ ވަޑައިގެންނެވި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެ މަނިކުފާނު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ރައީސް ނަޝީދު ސައުދީ އަށް ވަޑައިގަންނަވާއިރު، ސައުދީ އަރަބިއްޔާ އިން ބޭނުން ވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކޮށް، ކަނޑު ހުރަސްކޮށް އެ ގައުމުން ކުރާ ވިޔަފާރި އަށް ރައްކާތެރިކަން ފޯރުކޮށްދޭން އުޅޭ ކަމަށް، 2017 ވަނަ އަހަރު ނަޝީދު ވަނީ ތުހްމަތު ކުރައްވާފައެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން ސައުދީ އަރަބިއްޔާ އިން ވަނީ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިންތިހާބީ ރައީސް ސޯލިހް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އެމަނިކުފާނާ ގުޅުއްވާ މަރުހަބާ ވިދާޅުވި ކަމަށާއި ކަންކަމުގައި އެއްބާރުލުން ދެއްވަން ތިބިކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ސައުދީއަކީ ވެސް ރައީސް ޔާމީނުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.