ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު ސަމީރު ހައްޔަރުކުރި މިއީ ދެވަނަ ފަހަރެވެ. ކުރިން އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަކެއްޗާއިވެސް އެއްކޮށްކަމަށް އޭރު މީޑިއާތަކުގައި ރިޕޯޓްކުރިއެެވެ.
އަހުމަދު ސަމީރާއި ގާތް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އޭނާ މިފަހަރުވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތިގެ މައްސަލައެއްގައި ކަމަށެވެ. އަހުމަދު ސަމީރު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު، ވޯޓް އޮޅުވާލިކަމަމަށް ބުނެ ހުކުރު ދުވަހުގެރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާގައި އޭނާ ވަނީ ވާހަކަ ދައްކާފައެެވެ. މިދިޔަ އޯގަސްޓްމަހުގެ 31 ވީ ހުކުރު ދުވަހުގެރޭ އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލީ ކީއްވެކަމެއް ނޭނގެއެވެ. އެހެންނަަމަވެސް ދޫކޮށްލުމާއި އެކު އޭނާ ވަނީ ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވޭތޯ ބެލުމަށް އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދުއާއި ގުޅާލުމުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ސާޖިދު ވިދާޅުވީ، އޭނާ ހައްޔަރުކުރުމުގެ ސަބަބުން ކައުންސިލްގެ ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ސަމީރު އަންގާރަ ދުވަހު މާލެވަޑައިގެންނެވިއިރު، ކައުންސިލް އިދާރާގެ ތަޅުދަނޑިވެސް އަދި ކައުންސިލްގެ ހިންގުންވެސް ހަވާލުކުރައްވާފައި ނުވާ ކަމަށެވެ.
ސާޖިދު ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ދޭ ޚިދުމަތްތަކަށް ބުރޫއަރަމުންދާ ކަމަށެވެ. އަދި އެކަން ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ވިދާޅުވިއެވެ.
"ސަމީރު ވަޑައިގަތީ ކައުންސިލްގެ ހިންގުން ހަވާލުނުކޮށް. ވަރަށް ދެރަކަމެއް މީ، ރައްޔިތުންނަށް ޚިދުމަތްދޭން ޖެހޭ މުއައްސަސާއަކަށް ވާއިރު، ޒިންމާދާރުކަންކުޑަ ގޮތަކަށް އަމަލުކުރައްވާފައިވާތީ ހިތާމަކުރަން. ކުރިންވެސް މާލެވަޑައިގަތީ ހަމަ އެގޮތަށް ކައުންސިލްގެ ތަޅުދަނޑި ހިތްޕަވައިގެން. ކައުންސިލް ހިންގުން ނައިބު ރައީސަށް ހަވާލުކުރަން އޮންނާނެ ސީދާ ލިޔުމަކުން އަންގާފައި" ސާޖިދު ވިދާޅުވިއެވެ.
ސާޖިދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 3 ޖެހިއިރު ވެސް މުހިއްމު ބޭނުމެއްގައި ކައުންސިލްގެ އިދާރާ ހުޅުވުމަށް ފުލުހުން އެދުނު ކަމަށާއި ނަމަވެސް ކައުންސިލް އިދާރާގެ ތަޅުދަނޑި ނެތުމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ގުޅުމަށް ފުލުހުންނަށް އެންގި ކަމަށެވެ.
ބުރާސްފަތި ދުވަހުގެރޭ މެންދަމު ފުލުހުން ކައުންސިލް އިދާރަ ފާސްކުރަން މަސައްކަތްކުރީ ކޮންކަމަކާއި ގުޅިގެންކަން ނޭނގޭކަމަށް ސާޖިދު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫ ކައުންސިލްގެ ރައީސް ސަމީރު ކުރިންވެސް ހައްޔަރު ކޮަށްފައިވާއިރު، މިފަހަރު އޭނާ ހައްޔަރުކުރީ ސިދާ މަސްތުވާތަކެތީގެ މައްސަލައެއްގައިކަން ކަށަވަރުވާ ގޮތަށް ފުލުހުންގެ ބަހެއް ނުލިބޭތީ އެކަން ވަނީ ކަށަވަރުކުރެވޭގޮތް ނުވެފައެވެ.