ރިޔާސީ އިންތިޚާބާ ދިމާކޮށް އައްޑޫ ސިޓީން ބިން ދޫކުރަން ހައުސިން މިނިސްޓްރީން ފެށި މަސައްކަތް މަޑުޖައްސާލުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އައްޑޫގައި ވިޔަފާރިކުރުމަށް ވެސް ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.
ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ ބިންތައް ދޫކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ މިދިޔަ މަހު 23ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ކެމްޕެއިންކޮށް ދިން ފަރާތްތަކަކަށް ބިން ދިނުމުގެ މަގުސަދުގައި ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ތުހުމަތު ކުރަމުންދާ ކަމަށެވެ. އަދި މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތް ކުރަމުން ދަނީ އައްޑޫގެ ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭތީ އާއި، ވެރިކަން ބަދަލުވުމުގެ މަރުހަލާ ގައި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައި ވަނިކޮށް އަވަސް އަރުވާލައިގެން މިފަދަ ކަމެއް ކުރަން އުޅުމަކީ ވަކި ފަރާތަކަށް ނަޖާއިޒް މަންފާ އެއް ހޯދައި ދިނުމުގެ މަގުސަދުގައި ކުރެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރަށް ކައުންސިލުން ބުނީ އެކަމަކީ އައްޑޫގެ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ބިންބިމާއި ބެހޭ މަސައްކަތް ކުރަން ޖެހޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުގެ މަތިން އެ އިދާރާ އިން ކަމަށް ވާއިރު އެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.
މީގެ އިތުރު މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓްރީ ގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް ވެސް އައްޑޫ ކައުންސިލުން ބުންޏެވެ.