އިންޑިއާގައި ހުންނަ ރާއްޖޭގެ ޑިޕްލޮމޭޓަކު، މާލިއްޔަތު ގާނޫނާ ހިލާފަށް އަމިއްލަ ބޭނުމަށް ދައުލަތުގެ ތިޖޫރީން ފައިސާ ނަގާފައިވާ ކަން ފޮރިން މިނިސްޓްރީގެ އޮޑިޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނަރަލް މިދިޔަ ހަފްތާގައި ނެރުއްވި ފޮރިން މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ތާޑް ސެކްރެޓަރީގެ އަމިއްލަ ބޭނުމަށް 24،094ރ. ތިޖޫރީން ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގަ އެއް ނެތެވެ. އޭގެ އިތުރުން ކޮންސިއުލޭޓްގެ ޕެޓީ ކޭޝް ފައިސާ އިން އެތަނުގެ މުވައްޒަފެއްގެ އަމިއްލަ ބޭނުމަށް 7،935ރ. ހަދަރުކޮށްފައި ވާކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައި ވެއެވެ.
އޮޑިޓާ ޖެނަަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާ އާ ހަވާލުވެ ހުރި މުވައްޒަފަކު ވިޔަސް، އަމިއްލަ ކަމަކަށް ދައުލަތުގެ ފައިސާ އެއް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.
އެ އޮޑިޓް ރިޕޯޓު ގައި ފާހަގަކޮށްފައިވާ ގޮތުން އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކޮންސުލޭޓުގެ ތިޖޫރީން، އެތަނުގެ އިސް މުވައްޒަފަކު އަމިއްލަ ބޭނުމަށް ނެގި ފައިސާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮންސިއުލޭޓްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
އެކަންތައްތަކާ ގުޅިގެން ފައިސާ ދޫކުރެވެނީ ކޮން ބޭނުމަކަށް ކަމަށާއި ހަރަދު ކުރެވޭ އަދަދު ލިއެކިޔުންތަކުގައި ބަޔާން ކުރުމަށް ފޮރިން މިނިސްޓްރީ އަށް އޮޑިޓް ރިޕޯޓުގައި ލަފާ ދީފައިވެއެވެ.
ނަމަވެސް ދައުލަތުގެ ފަައިސާ އަށާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގައި ބަޔަކު އިހުމާލުވެފައި ވާތީ، އެކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ، ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލް ވަނީ އެދިވަޑައިގެންފައެވެ.
ފޮރިން މިނިސްޓްރީގެ އޮޑިޓުން ފާހަގަވި މައްސަލަތައް
- އުސޫލާ ހިލާފަށް 200،000 ރުފިޔާގެ ޔޫޓިލިޓީ އެލަވަންސް ދީފައި ވުން
- ހުއްދަ ނުހޯދައި މިލިއަނެއްހާ ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދާފައި ވުން
- އިއުލާން ނުކޮށް މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ހިދުމަތް ހޯދާފައި ވުން
- ތިޖޫރީގެ ފައިސާގެ ހިސާބުތައް ބަހަލައްޓާފައި ނުވުން
ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާ އަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އުސޫލާއި ހިލާފަށް ބައެއް މިޝަންތަކުން 236،003ރ. ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި ތަކެއްޗާއި ހިދުމަތް ހޯދުމުގެ ކުރިން ހުއްދަ ނުހޯދައި 1.9 މިލިއަން ރުފިޔާގެ ހިދުމަތާއި ތަކެތި މިނިސްޓްރީގެ ބޭނުމަށް ހޯދާފައިވާ ކަމަށެވެ.