އަންދަލުސް ދަރުސް އިން މަޝްއޫރުކަން ހޯދެވި ޝައިހް އާދަމް ޝަމީމް އިންޑިއާގެ އެއާޕޯޓަކުން ހިފަހައްޓައި، އެ ގައުމަށް އެތެރެވިޔަނުދީ، އަނބުރާ ރާއްޖެ ފޮނުވާލަން ނިންމައިފި އެވެ.
އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ޝަމީމް ޓްރިވެންޑްރަމްގެ އެއާޕޯޓުން ހުކުރު ދުވަހުގެ ހެނދުނު ހިފެހެއްޓުމަށް ފަހު މިވަގުތު ހުރީ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ޓްރެވަންޑްރަމްގައި ތިބޭ ފޮރިން މިނިސްޓްރީގެ ދިވެހި މުވައްޒަފުންނާއި ޝަމީމްއާ ބައްދަލުވުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރިވެންޑްރަމްގެ އެއާޕޯޓުން އެންމެ އަވަހަށް ރާއްޖެއަށް ފުރާ ފްލައިޓަކުން ޝަމީމް ފޮނުވާލަން އިންޑިއާ އިން ވަނީ ނިންމައިފައި ކަމަށް ވެސް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެކަމަކު އެއީ، ޑީޕޯޓްކުރުން ނޫން ކަމަށް ސަފީރާއި ހަވާލަދީ ބުނެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޝަމީމް އިންޑިއާ އަށް އެތެރެވުމުގެ ހުއްދަ ނުދިން ސަބަބެއް އިންޑިއާ އިން އޮޅުންފިލުވައެއް ނުދިނެވެ. ހަމައެކަނި ދިން ޖަވާބަކީ އެއީ، އިންޑިއާގެ ގައުމީ ސަލާމަތަށް ޓަކައި އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންދަލުސް" ދަރުސް އިން 2013 ގައި މަޝްހޫރުވި ޝަމީމު މިއަދު ހެނދުނު ފްލައިޓުން އިންޑިއާ އަށް ދިޔައީ އޭނާގެ ބޭބެއާ އެކު ބައްޕަ ޑޮކްޓަރަށް ދެއްކުމަށެވެ. ޝަމީމަށް ހުއްދަ ނުދިނަސް އަނެއް ދެ މީހުން އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ދިންކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން ވެސް މިއަހަރު ބޭސްފަރުވާއަށް އިންޑިއާ އަށް ވަޑައިގަތުމުން އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި އެވެ. އެފަހަރު ވެސް ސީދާ ސަބަބެއް އެނގިފައެއް ނުވެއެވެ.