މަރާލާފައިވާ އެންމެހައި ފަރާތްތަކުގެ މައްސަލަތަކުގެ ޖިނާއީ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން (އެމްޑީޕީ) ގޮވާލައިފިއެވެ.
އެ ޕާޓީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޅިން ހަމަލާދީ ބުދަ ދުވަހުގެ މެންދަމު މަރާލާފައިވާ އުމުރުން 14 އަހަރުގެ ކުޑަކުއްޖާގެ މައްސަލަ އާއި އަދި އެނޫން ވެސް ގޮތްތަކަށް މަރާލާފައިވާ އެންމެހައި ފަރާތްތަކުގެ މައްސަލަތަކުގެ ފުރިހަމަ ޖިނާއީ ތަހުޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލާކަމަށެވެ.
މި ސަރުކާރުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލައި، މުޖުތަމައު ނާމާން ތަނަކަށް ހަދާފައިވާތީ އެ ޕާޓީ އިން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި ސަރުކާރަކީ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެންމެ ބޮޑަށް އިހްމާލުވި ސަރުކާރެއްކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަޅި ހަރައިގެން ރެކޯޑް އަދަދަކަށް މީހުން މަރާފައިވަނީ މި ދައުރުގައި ކަމަށެވެ. އަދި ސިޔާސީ މަޤްސަދުތައް ހާސިލުކުރުމަށްޓަކައި މުއައްސަސާތަކާއި ތަހުޤީޤީ އިދާރާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ މުއައްސަސާތައް ހަރާބުކޮށް ޤައުމަށް ދިމާވެފައިވާ އެފަދަ ކަންބޮޑުވާ ޒާތުގެ އަސްލު މައްސަލަ ތަކާމެދު މި ސަރުކާރުން އަޅާނުލާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ނުރައްކާތެރި ކުށްކުރާ ގޭންގުތައް ރާއްޖޭގައި ނެތްކަމާއި، މަގުތައް އަމާންކަމާއި، ޓެގު އެޅުވުމުގެ ބޭނުން ކެނޑިއްޖެކަމާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނޭ ތަނެއް ނެތްކަމަށް މި ސަރުކާރުން ބުނެފައިވާ ކަމަށް އެމްޑީޕީ އިން ބުންޏެވެ. އަދި ރިޔާސީ އިންތިޚާބުގައި އަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެ، ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން ބަލިކުރުމުގެ އެއް އަސްލަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމައުގެ އަމާންކަން ނަގާލާފައިވުމުން ކަމަށް ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ފަރާތުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މިދުވަސްވަރަކީ މާރާމާރީތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން އައްޑޫ ސިޓީގައި ވެސް ވަނީ ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ.
ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެފަދަ ކުށްތައް މަދު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ނުރައްކާތެރި މާރާމާރީތައް ކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަދަ ފަރާތްތަކަށް ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.