މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި، އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލިސް ވެލްސް ވިދާޅުވެއްޖެއެވެ.
އެމްބެސެޑަރ ވެލްސް މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި ރާއްޖެޓީވީ އަށް ބުދަ ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އިންތިހާބާ ގުޅޭ ގޮތުން މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ބުދަ ދުވަހު ހުށަހަޅާފައިވާ އިރު، އެކަމަނާ ވިދާޅުވި އެ މައްސަލައިގެ ތަފްސީލު އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް، ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ.
ޖެހިގެން އައި ދުވަހު ރައީސް ޔާމީން ބަލި ގަބޫލު ކުރައްވާފައިވާކަން ފާހަގަ ކުރައްވައި އެމްބެސެޑަރ ވެލްސް ވިދާޅުވީ، އެމަނިކުފާނު އެވަގުތު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށާއި އިންތިހާބީ މަރުހަލާގެ ތެރެއަށް ސިފައިންނާއި ފުލުހުން ވަދެފައިނުވާ ކަމަށެވެ، އަދި އެއީ ވެސް ރަނގަޅަށް ކޮށްފައިވާ ކަމެއް ކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވެސް ރަސްމީ ނަތީޖާ އިއުލާން ކޮށްފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
"އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތާ މެދު އެއްވެސް ޝައްކެއް އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އެމްބެސެޑަރ ވެލްސް ވިދާޅުވިއެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއިއެކު މަސައްކަތް ކުރުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
އެމްބެސެޑަރ ވެލްސް ވިދާޅުވީ، ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވީ އެންމެ ޕަސެންޓެއް ނުވަތަ ދެ ޕަސެންޓަކުން ނޫން ކަމަށާއި، ދިވެހިންގެ ނިންމުމާ މެދު ޝައްކެއް އުފެދެން ތަނެއް ނެތް ކަމަށެވެ.
އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރަން އައު ސަރުކާރާ އެކު މަސައްކަތް ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ކާމިޔާބު އިންތިހާބަކަށް ދިވެހި ރައްޔިތުންނަށް މަރުހަބާ ދަންނަވަމުން އެމްބެސެޑަރ ވެލްސް ވިދާޅުވީ މިއީ ވަރަށް ފުރިހަމަ ޑިމޮކްރެޓިކް އެކްސްޕެރިމެންޓެއް ކަމަށާއި، މި ނިންމުމާ އެކު އެންމެހާ ދިވެހި ރައްޔިތުންނަށް އިތުރަށް ފާގަތިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.