ސަރުކާރު ޕްރޮމޯޓް ކުރާ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ "ޗެނަލް 13"އާ ދެކޮޅަށް އަބުރުގެ 7 މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅައިފިއެވެ.
"ރާއްޖެޓީވީގެ 60 މިނެޓް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އޭނާ އަމިއްލައަށް "ޗެނަލް 13" އާ ދެކޮޅަށް ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން ހަ މައްސަލައެއް ބްރޯޑްކޮމް އަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އަބުރުގެ އިތުރު މައްސަލަ ބްރޯޑްކޮމްއަށް ހުށަހަޅާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޭނާ ހުށަހެޅުއްވި ހަ މައްސަލައަކީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން، އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ނިސްބަތްކޮށް، ހާއްސަކޮށް ޝަރީފްއަށް ނިސްބަތްކޮށް ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި އަދި "ވަގަށް" ގޮވަމުންދާ މަންޒަރާއި އަޑު ހިމެނޭ ކޮންޓެންޓް "ޗެނަލް 13" އިން ބްރޯޑްކާސްޓްކޮށް، އޭނާގެ އަބުރަށް އަރައިގަނެފައި ވާތީ ހުށަހަޅާފައިވާ ހަ މައްސަލަ ކަަމަށެވެ.
އަނެއް މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެމްބަރަކު ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ "ޗެނަލް 13" އިން މިހާރު ދައްކަމުންދާ މަންޒަރުތަކުގައި ޓީވީ ކަނަކަށް އެ މެމްބަރުންގެ ފޮޓޯ ދައްކަމުންދާ މައްސަލައެއް ކަމަށެވެ. އެމައްސަލަ ހުށަހެޅީ ކޮމިޝަނުގެ ފަރާތުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޕީޕީއެމުން ބާއްވަމުންދާ މުޒާހަރާތަކުގައި އިސްކޮށް އުޅުއްވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއެވެ.
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އަސަރުފޯރާ ފަދަ އެއްވެސް މައްސަލައެއް ރިޔާސީ އިންތިހާބުގައި ހިނގާފައި ނުވާ ކަމަށެވެ. ޝަރީފް އެގޮތަށް ވިދާޅުވިއިރު، ބޭރުގެ އޮބްޒާވަރުންނާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ބުނެފައި ވަނީ އިންތިހާބުގެ ނަތީޖާއަށް އަސަރުފޯރާ ފަދަ މައްސަލައެއް ރިޔާސީ އިންތިހާބުގައި ހިނގާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ހިމެނޭ ޝަރީފް ފިޔަވާ އަނެއް ހަތަރު މެމްބަރުންވީ ރާއްޖޭން ބޭރުގައި ކަމަށާއި އެ މެމްބަރުން ރާއްޖޭން ބޭރުގައި ވަނީ އޮންނަ އުސޫލުގެ ތެރެއިން އެ މެމްބަރުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ލިބެމުންދިޔަ އިންޒާރުތަކުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.