އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބުމާ ގުޅިގެން ކަމަށް މޯލްޑިވްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން ބުނެފިއެވެ.
ބުދަ ދުވަހު ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒަރވަރުންނާއި މޮނީޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ވަރަށް ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކަށް ރިއާޔަތްކޮށް، ޕާޓީގެ ކެންޑިޑޭޓަށާއި ރަނިންގ މޭޓުގެ އިންތިހާބީ ހައްޤުތައް ގެއްލިފައިވާ ކަމަށް ޤަބޫލުކުރެވޭތީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ ޕާޓީން ޤަބޫލުކުރާ ކަމަށެވެ.
އެގޮތުން އެޕާޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕްކުރުމުން ފެށިގެން ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހިމެނުމާއި ޤާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި ޖުމްލަ ނަތީޖާއަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ-ރަޖިސްޓްރޭޝަނާއި ލިސްޓްތައް ތަރުތީބު ކުރުމުގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ޕާޓީގެ މެމްބަރުންގެ ހައްޤުތަކާއި ޕާޓީގެ ކެންޑިޑޭޓަށް ވޯޓްދިން 96 ހާހަށް ވުރެ ގިނަ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަކީ އެ ޕާޓީގެ ޒިންމާއެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ކުރިން ވިދާޅުވެފައެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވެސް އަދި ޕީޕީއެމުން ވެސް ވަނީ އިންތިހާބުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެފައެވެ.