ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗްއަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު މާލެ ގެނެސްފައިވަނީ ކިޑްނީގެ ޓެސްޓެއް ހެދުމަށާ ޔޫރޮލޮޖިސްޓްއަކަށް ދެއްކުމަށާ ސީޓީ ސްކޭން އެއް ހެއްދުމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.
އަދީބު ޖަލަށްލީ ފަހުން ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން އަދީބަށް ލަފާ ދެއްވާފައިވާއިރު، ސަރުކާރުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އަދީބުގެ ހަށިގަނޑުގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއިން ދަނީ ބުނަމުންނެވެ. ފަރުވާ ހޯދަން އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެތައް ފަހަރެއްގެ މަތިން އެދުނެވެ. އެހެން ނަމަވެސް އެ ފުރުސަތު ލިބިފައެއް ނުވެއެވެ.
އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ހުއްދަ ލިބިފައިނުވާއިރު ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަނީ މިމަހުގެ 4 ވަނަ ދުވަހު ފުރާފައެވެ.