ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެބަލި ތަކަށް ހުށަހެޅެނީ އުމުރުން 14 އަހަރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން އަދިވެސް ނަފްސާނީ ބަލިތައް ދެނެގަނެ މިބަލިތަކަށް ފަރުވާހޯދާ މީހުންގެ މިންވަރު މަދު ކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. ނަފްސާނީ ބަލިތަކާއި އެބަލިތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ތެރެއިން ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަންއެވެ. ދެވަނަ އަށް އެންމެ ގިނައީ ނަފްސާނީ ބަލިތަކާ ގުޅިގެން ދިމާވާ ކަންތައްތައް ތަހައްމަލު ނުކުރެވި އަމިއްލަޔަށް މަރުވުމެވެ. މިފަދަ ބަލިތަކަށް އެންމެ ގިނައިން ހުށަހެޅިގެންދާ އުމުރު ފުރައަކީ 15 އަހަރާއި 29 އަހަރާއި ދެމެދެވެ. މިކަންކަމުގެ ތެރެއިން ވެސް އެންމެ ކަންބޮޑުވާ ކަމަކީ ފުރާވަރު އުމުރުގެ ކުދިން މަސްތުވާ ތަކެއްޗަށް ހުށަހެޅޭ މިންވަރު އިތުރުވެ ނޭދެވޭ ކަންތައްތައް ކުދިންގެ މެދުގައި އިތުރުވުން ކަމަށް ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ހާމަކުރެއެވެ.
ނަފްސާނީ ބަލިތައް ދެނެގަނެ އެކަމަށް ފަރުވާ ހޯދޭ މިންވަރު އިތުރުވެގެން ދިޔުމުގެ ސަބަބުން ހަމައެކަނި ފުރާވަރު އުމުރުގެ ކުދިންގެ ސިއްހަތު ރަނގަޅު ވާނީ ނޫން ކަމަށާއި މިކަމުގެ ސަބަބުން ދުޅަހެޔޮ އާއިލާތައް ބިނާކުރުމާއި ގައުމުގެ އުފެއްދުން ތެރިކަމާއި ފުދުންތެރިކަން އިތުރުވެގެން ދާނޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ނަފްސާނީ ބަލި ދެނެގަނެ ފަރުވާ ދޭނެ ގޮތްތަކާބެހޭ ގޮތުން ސިއްހީ އެހީތެރިން ތަމްރީނު ކުރުމަކީ ވެސް މުހިއްމު ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މިކަންކަމަކީ ސަރުކާރާއި ސަރުކާރުގެ އެހެނިގެން މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާނެ ކަންކަން ކަމަށް ހެލްތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ހެލްތް މިނިސްޓްރީން ބުނީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްރަށުގައި ގާއިމް ކުރެވިފައިވާ އެސްޓީއޯގެ ބޭސްފިހާރަ ތަކުން ނަފްސާނި ބަލި މީހުންގެ ބޭސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކަމަށާއި ނަފްސާނީ ބަލިން މުޖުތަމައު ދުރުހެލި ކުރުމަށްޓަކައި އާއިލާ ތެރެއިންނާއި ސްކޫލުތަކުންނާއި ޓީޗަރުން އަދި މުޖުމަމައުގެ ދޭދޭ ފަރުދުން މަސައްކަތް ކޮށް ނަފްސާނި މައްސަލަތައް ދިމާވާ ކަންތައްތައް އޮޅުންފިލުވައި އެކަމާމެދު ކަންތައްތައް ކުރާނެ ގޮތް އޮޅުން ފިލުވައި ދިނުން މުހިއްމު ކަން ހެލްތް މިނިސްޓްރީން ބުނެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ޔަންގ ޕީޕަލް އެންޑް މެންޓަލް ހެލްތް އިން އަ ޗޭންޖިންގ ވާލްޑް" އެވެ.