ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް ރަހީނު ކުރަން އުޅުނު ކަމަށްބުނެ ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިސްތިއުނާފު އަޑުއެހުމެއް މިއަދުގެ 11:15އަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އަމުރެއް ނެރުނު މައްސަލައާއި ގުޅިގެން ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ.
ނިހާނުގެ މައްޗަށް އުފުލާފައިވަނީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާއާއި، ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާއެވެ.
ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުއެވެ.އެ ހުކުމް ނިހާންގެ މައްޗަށް އިއްވާފައިވަނީ އާ ޓެރަރިޒަމްގެ ގާނޫނުގެ ހަވަނަ މާއްދާގެ ނ. އާ ހަވާލާދީ އެވެ.
ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެންނެވެ.