ހއ ހޯރަފުށީ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލާގައި އެރަށު ސިއްހީ މަރުކަޒުގެ ވެރިއަކާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެމައްސަލައިގާ 3 މީހަކު ހައްޔަރު ކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް ހައްޔަރު ކުރި މީހުންގެ ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހޯރަފުށީ ސިއްހީ މަރުކަޒުގެ ވެރިއަކުވެސް ހިމެނެއެވެ.
ފުލުހުންބުނީ ހޯރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތަކުގެ ތެރެއިން ބައެއް ފައިސާތައް ހޯދައި، ތުހުމަތުކުރެވޭ ތިންމީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ.
ފުލުހުންބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 6 ވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ކަމަށެވެ.
އޮކްޓޯބަރު 4 ވަނަ ދުވަހުގެރޭ ވަގުތެއްގައި ހޯރަފުށީ ގެއެއްގެ އަލަމާރީގައި ހުރި 111000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމު މައްސަލައަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 63500 ރުފިޔާ މިހާތަނަށް ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ. މިފައިސާތައް ހޯދާފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 34 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބަލައިފާސްކޮށް، އެގޭ ބަދިގެތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިންކަމަށްވެސް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ ހޯރަފުށީ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ގައިނީ ޑޮކްޓަރެއްގެ ފައިސާ ތަކެކެވެ.