ހދ.ކުރިނބީ ބަނދަރު ސަރަހައްދުން ބިން ދޫކުރުމަށް އެރަށުގެ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ކުރިނބީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ހުއްދަ ލިބިފައިވާތީ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ބަނދަރުގެ އިރުމަތީކޮޅުން ތެލުގެ ވިޔަފާރި ކުރުމަށް ހަމަޖެހިފައިވާ 600 އަކަފޫޓްގެ އެއްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ބަނދަރުގެ ދެކުނުކޮޅުން ގުދަން ހެދުމަށް 600 އަކަފޫޓުގެ އެއްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ދެކުނުކޮޅުން ކެފޭ/ރެސްޓޯރެންޓް ހެދުމަށް 1500 އަކަފޫޓުގެ ވެސް އެއް ބިން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މިބިންތައް ބިޑްގެ އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ކަމަށާއި، މިމަހުގެ 14 ވާ އާދިއްތަ ދުވަހުގެ 10:30ގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މައުލޫމާތު ސާފު ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުންގެ މުއްދަތު ހަމަނުވާ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭ ކަމަށާއި، އަންދާސީހިސާބު ހުށަހެޅުންވަނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި ކަމަށެވެ. އަދި ސިޓީ އުރައިގައި ބޭރުގައި "ބަނދަރު ސަރަހައްދުން ކުލީ ބިން ހޯދުމަށް އެދި" މިހެން ލިޔެންފައި އޮންނަންވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައި ސިޓީއަކާއެކު ފޮނުއްވަންޖެހޭ ކަމަށެވެ.