ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް، ދާއިރާގެ ރައްޔިތުން ސާބިތު ކަމާއެކީ ތިބި ކަމަށްޓަކައި އޭނާ ޝުކުރު އަދާކުރައްވައިފި އެވެ.
ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމުން ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލާފައިވާތާ ގާތްގަނޑަކަށް 14 މަސް ދުވަސް ވެފައިވާއިރު، ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހު ވަނީ ކަނޑައަޅައިފަ އެވެ.
މެމްބަރު ސައުދާއެކު ޕީޕީއެމްއަށް ނިސްބަތްވި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި ވަނީ، އެ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރެއްވުން ހުއްޓާލެއްވުމުންނެވެ.
ސައުދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން ސާބިތު ވެގެންދިޔައީ ރައްޔިތުންގެ މަޖިލީހަށް ޖެހިފައިވާ ހާލަތުކަމަށާއި ރައްޔިތުންނަށް އެކަމުގެ ސަބަބުން އިބުރަތެއް ހާސިލްވެގެން ގޮސްފިކަމަށެވެ.
"މި ފެނިގެން ދިޔައީ ރައްޔިތުންގެ ހާލަތު. ރައީސް ޔާމީނަށް ވެރިކަމެއް ނޫން ޖަމިއްޔާއެއްގެ ރައީސްކަން ދޭކަށްވެސް ހެޔޮ ނުވާނެ." ސައުދު ވިދާޅުވިއެވެ.
ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑި ވެސް ނުގެއްލޭކަމަށް ވަނީ ހުކުމްކޮށްފައެވެ. ސައުދު އާއި ވައްޑެގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި މަޑުއްްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލާގައި ވެސް މިއަދު ގޮތެއް ނިންމާނެއެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އަނެއް އަށް މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެއް ނުވެއެވެ.