ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އިން، އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފައްދަމުން ދަނިކޮށް، އެ އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާނެ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށް ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.
ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ފަހު ހޯމަ ދުވަހުގެ ނެރުނު 160 ސަފަހާގެ ރިޕޯޓުގައި ބުނެފައިވަނީ އިންތިޚާބުގެ ހުރިހާ ކަންކަން ޞުލްޙަވެރިކަމާއެކު ނިމިގެން ދިޔަ ކަމަށެވެ. މި އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު އިންތިޚާބުގައި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ޙައްޤަށް ބުރޫއަރައި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަކަމެއް ހިނގާފައިނުވާކަން އެ ކަމިޝަނަށް ފާހަގަ ކުރެވިފައިވާކަމަށެވެ.
މި އިންތިޚާބު އޮބްޒާވުކުރުމަށް ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނާއި، މި މަސައްކަތުގައި ބައިވެރިވި ވޮލަންޓިއަރުން، ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރާކަމަށާއި އިންތިޚާބު އޮބްޒާވްކުރުމުގައި އަމިއްލަ ޖަމިއްޔާތަކުންނާއި، ސިޔާސީ ޕާޓީތަކާއި މީޑިއާގެ ފަރާތްތަކުން ކުރި މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.
އިންތިޚާބާ ކައިރިކޮށް އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކަށް ބަދަލުތައް ނުގެނައުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިޔަށް އޮތް އިންތިޚާބުތަކުގައިވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ހެދިފައިވާ ގަވައިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއްބަޔަކު އަނެއްބައެއްގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ކެމްޕެއިން ޙަރަކާތްތައް ކުރިޔަށްގެންދިޔުމަށް ވެސް ވަނީ ހަނދާން ކޮށްދީފައެވެ.