ރާއްޖެ އާއި އޭޝިއާ ސަރަހައްދުގައި ނުރައްކާތެރި، އަދި ހައްދުފަހަނައެޅުމުގެ ހާލަތު ދެނެގަނެ ހޭލުންތެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑްރަގްސް އެންޑް ކްރައިމްސް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
އިސްލާމީ މަރުކަޒަރުގައި ކުރިއަށްދާ މި ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިޕާރޓްމަންޓް ޖާބިރު ފައިޒަލްއެވެ.
އެމްއެންޑީއެފުން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްއިއްޔާތައް ހިމެނޭ ގޮތަށް 30 މުއައްސަސާއަކުން 35 ބައިވެރިން ވަނީ ބައިވެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި ނުރައްކާތެރި ހައްދު ފަހަނައެޅުމުގެ ހާލަތު ރާއްޖެއާއި އޭޝިއާ ސަރަހައްދުގައި އޮތް މިންވަރު ބައިވެރިންނަށް އަންގައިދީ މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ނުރައްކާތެރި ހައްދު ފަހަނައެޅުން އިތުރުވިޔަ ނުދިނުމަށް ކުރެވޭ މަސައްކަތުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްޤު އަދަބު ދިނުމާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ޓެރަރިޒަމްގެ އަމަލުތަކުގެ ޝިކާރައަށްވާ ފަރާތްތައް ބާރުވެރިކުރުވައި އަލުން މުޖުތަމައަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން ބައިވެރިން އަހުލުވެރިކުރާނެ ކަމަށެވެ.